ޚަބަރު

އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ސަޢުދީއާއެކު މަޝްވަރާކުރައްވައިފި


  • ވަޒީރު ވަނީ ސަޢުދީގެ މުނިސިޕަލްޓީސް އެންޑް ހައުސިން މިނިސްޓަރާ ބައްދަލުކުރައްވާފައި

  • ވަޒީރު މުއްޠަލިބުވަނީ ރިއަލް އެސްޓޭޓް ފިއުޗަރ ފޯރަމްގައި ބައިވެރިވެވަޑައިގެންފައި

އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ ސަޢުދީގެ ވެރިރަށް ރިޔާޛުގައި ބާއްވާ ރެއަލް އެސްޓޭޓް ފިއުޗާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ މުނިސިޕަލްޓީސް އެންޑް ހައުސިން މިނިސްޓަރު މާޖިދު ބިން ޢަބްދުﷲ އަލް ހުގައިލާ ބައްދަލުކުރައްވައެވެ.

މިބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށްޓަކައި އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރިޔާޛުގައި ކުރިއަށްދާ ރެއަލް އެސްޓޭޓް ފިއުޗާ ފޯރަމް ހޯމަ ދުވަހު ފަށާފައިވާއިރު މި ފޯރަމް މިއަދުގެ ނިއަލަށް ކުރިއަށްދާނެއެވެ. މި ފޯރަމްގައި ރެއަލް އެސްޓޭޓް ދާއިރާގެ އީޖާދީ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބޭއްވި، "ނިއު ފްރޮންޓިއާސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރެއަލް އެސްޓޭޓް ލޭންޑްސްކޭޕް' ޕެނަލް ޑިސްކަޝަންގައި ވަޒީރު ޑރ. މުއްޠަލިބުވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.

ސަޢުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީއަށާއި އެހެނިހެން ކަންކަމުގައިވެސް އެހީތެރިވެދެމުން އަންނަ ޤައުމެކެވެ.