ސިޔާސީ

ޕީޕީއެމްގެ ރިފޯމްގައި ޕާލަމަންޓްރީ ގްރޫޕްގެ ބައިވެރިވުން އޮންނާނެ


ޕީޕީއެމް ރިފޯމްކުރުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ، ޕީޕީއެމްއާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ބޭއްވެވި ގުޅިފައިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ގުޅިގެން އެންމެން އެކުގައި މަސައްކަތްކުރުމަކީ އިސްކަންދެއްވާނެ ކަމެއްކަމަށެވެ.

ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުން މިއަދު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްވެވި ނޫސްބަޔާނެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އެގްރޫޕުން މިހާތަނަށް މަޖިލީހުގައި ނިންމެވި ހުރިހާ ނިންމުންތަކެއްވެސް ނިންމަވާފައިވާނީ، ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް އަދި ރައީސް ޔާމީންގެ ސަރުކާރު، ވެރިކަމާ ޙަވާލުވެވަޑައިގެން ފެއްޓެވި އިޤްތިޞާދީ އެޖެންޑާ ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި މިހާތަނަށްވެސް މަޖިލީހުގައި ފާސްކުރައްވާ ބިލެއް ނުވަތަ ޤާނޫނަކަށް ގެންނެވި އިޞްލާޙެއް ބަދަލުކުރައްވަން ޕީ.ޕީ.އެމްގެ ކައުންސިލުން އެދިފައި ނުވާކަމަށް ނިހާން ވިދާޅުވިއެވެ.

ނޫސްވެރިންގެ  މި ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ޕީ.ޕީ.އެމްގެ ނާއިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިޚާބު އަދި އޮތީ ތަންކޮޅެއް ދުރުގައި ކަމަށާއި އެހެންނަމަވެސް އެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނީ ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްކޮށް ތިއްބަވައިގެން މަސައްކަތްކުރައްވައިގެން ކަމަށެވެ. 

ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވީ، ޖެހިގެން އުޅެނީ ކުދިކުދި މައްސަލަތަކެއް ކަމަށާއި، އެޕާޓީގެ ރައީސާ ދެކޮޅަށް އެއްވެސް ކަމެއް ކުރައްވަން ޕީ.ޖީ ގްރޫޕްގެ އެއްވެސް މެންބަރަކު މަސައްކަތް، ކުރިންވެސް އަދި މިހާރުވެސް ނުކުރައްވާނެކަމަށެވެ. އެހެންކަމުން ޕާޓީގެ ރައީސް، ރައީސް މައުމޫނާއި ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ދެމެދުގައި މަޝްވަރާކުރެވި އަދި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބާއްވަވައިގެން ޚިޔާލު ތަފާތުވާކަމެއް ވާނަމަ މަޝްވަރާ ކުރައްވައިގެން ޙައްލުކުރެއްވުމަށް ރައީސް މައުމޫނަށް އާދޭހާއެކު ދަންނަވާކަމަށެވެ. އަދި އެކަމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް ޕީ.ޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ މިއަދު ވިދާޅުވެފައެވެ.

ޕީޕީއެމްގެ ރައީސްއާއި މުޝްތަޝާރާއި އަދި މެންބަރުން ގުޅިވަޑައިގެން ރައްޔިތުންގެ ތަރައްޤީއާއި މަންފާއަށްޓަކައި މަސައްކަތްކުރެވޭނެ ކަމަށާއި މިހާތަނަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ޕީޕީއެމްގެ ޕާރލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ބަޔާންކުރައްވާފައެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫން ޕީޖީ ގްރޫޕްގެ ލީޑަރުގެ ލަފައާއި މަޝްވަރާއަށް އިޙްތިރާމްކުރައްވާކަމަށް ބަޔާންކުރައްވަމުން ޕީޖީ ގްރޫޕްގެ ލީޑަރ އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ރައީސް މައުމޫން އޭނާއަށް ފޮނުއްވާ ހުރިހާ އެސްއެމްއެސްއެއް، ޕީޖީ ގްރޫޕްގެ މެންބަރުންނާ ޙިއްޞާކުރައްވާކަމަށާއި އަދި އެކަންކަމާމެދު ޕީޖީ ގްރޫޕުން ގޮތްތައް ނިންމަވަމުން ގެންދަވަނީ، މެޖީރިޓީއާ އެއްގޮތަށް ކަމަށާއި އަދި ޕާޓީގެ ޤަވާޢިދުތަކާއި އުޞޫލުތަކާވެސް އެއްގޮތަށް ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ވަނީ މަޝްވަރާކުރެއްވުމަށްޓަކައި ބައްދަލުވުމެއް ބާއްވަވައިދެއްވުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަރިހުން އެދިވަޑައިގެންފައެވެ.