ޚަބަރު

ޒަކާތުގެގޮތުގައި މާލެ ސަރަޙައްދުން 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ


ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުން 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަހުގެ 23 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަޙައްދުން 2،739،483 (ދެ މިލިއަން ހަތްސަތޭކަ ތިރީސްނުވަ ހާސް ހަތަރުސަތޭކަ އަށްޑިހަ ތިން) ރުފިޔާ ފިތުރު ޒަކާތުގެގޮތުގައި ލިބިފައިވާކަމަށެވެ. މިހާތަނަށް މުޅި ރާއްޖެއިން116،314 (އެއްލައްކަ ސޯޅަ ހާސް ތިން ސަތޭކަ ސާދަ) މީހުން ފިޠުރު ޒަކާތް ދައްކާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މާލެ ސަރަޙައްދުގައި ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ 77 ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގުގެ ނިސްބަތުންކަމަށެވެ.

މީގެ އިތުރުން ފިތުރު ޒަކާތް ގޮވާމުން ދެއްކުމުގެ އިންތިޒާމުވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. ގޮވާމުން ޒަކާތް ދެއްކުމުގެ އިންތިޒާމު ކުރީގެ ދަރުމަވަންތަ ސްކޫލްގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30ން މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށްދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފިތުރު ޒަކާތް ބަލައިގަންނަމުންދާނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ފައިސާ އިން ޒަކާތް ބަލައިގަންނަމުންދާނީ އިސްލާމީ މަރުކަޒާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެ އޮފީހުން. އަދި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދަވާނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.