ޚަބަރު

ދިވެހި ޔޫތު ލީގު: ހުއްރިއްޔާ އާއި ޓީސީ ކުޅުނު ފަހު މެޗުން މޮޅެއް


އެފްއޭއެމް ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގައި ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު ފަހު މެޗުތަކުން މޮޅުވެއްޖެ އެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުލަބު ވެލެންސިއާ އެވެ. އިސްމާއީލް އާސިފް (ކުޑަހީނާ) ކޯޗުކޮށްދޭ ވެލެންސިއާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް ބާކީ އެއް މެޗު އޮއްވައެވެ. ފަހު މެޗުގައި އެ ޓީމު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ.

ހުއްރިއްޔާ ކުޅުނު ފަހު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑު ވިކްޓްރީއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ހުއްރިއްޔާ އިން ފުރަތަމަ ލަނޑު ޖަހާފައިވަނީ 24 ވަނަ މިނެޓުގައެވެ. މިއީ އަބްދުލް ހިޝާން މުޙަންމަދު ޝިބާއު ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހްމަދު އަތީލް އާދިލް އެވެ.

ޓީސީ ކުޅުނު ފަހު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ކުލަބު އީގަލްސްއާ ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ޓީސީގެ ރައްޔާން އިބްރާހީމް ލަނޑެއް ޖެހިއިރު މެޗުގެ 46 ވަނަ މިނެޓުގައި އަރުހަމް އަމްޖަދު ވަނީ ޓީސީގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން އީގަލްސްގެ މީކާއީލް މުޙަންމަދު ވަހީދު ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ހަތަރު މިނެޓުފަހުން ޓީސީން ތިންވަނަ ލަނޑު ޖެހިއިރު، އޭގެ އިރުކޮޅެއް ފަހުން އީގަލްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މި މެޗުތަކާއެކު މި މުބާރާތް ޓީސީން ނިންމާލީ ޖުމްލަ 15 ޕޮއިންޓާއެކު އެވެ. މިވަގުތު ތާވަލުގެ ދެވަނަ މަގާމުގައި ޓީސީ އޮތް ނަމަވެސް، ލީގުގެ ފަހު މެޗުގައި ވެލެންސިއާ އަތުން މޮޅުވެއްޖެ ނަމަ މާޒިޔާއަށް ދެވަނަ މަގާމު ލިބިގެންދާނެ އެވެ.

މީގެއިތުރުން ތާވަލުގެ ފުލުގައި ޔުނައިޓެޑު ވިކްޓްރީ ނިންމާލިއލިރު ހުއްރިއްޔާ އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ. ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން އީގަލްސް އޮތީ ހަތްވަނައިގައެވެ.