ޚަބަރު

ލެސްޓާ ސިޓީ އަތުން ޓޮޓްނަމް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަރ ސިޓީ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ބަލިވެއްޖެ އެވެ.

ލަންޑަނުގައި ޓޮޓްނަމް ހޮޓްސްޕަރ ގެ ދަނޑުގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ލެސްޓަރ ސިޓީ މޮޅުވުމާއެކު ވަގުތީ ގޮތުން ނަމަވެސް ލެސްޓަރ ސިޓީ ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތް ވެފަ އެވެ.

ލެސްޓަރ ސިޓީ އަށް ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ މަގާމް ވަނީ ލިބިފަ އެވެ. ޓޮޓްނަމް ހޮޓްސްޕަރ އަށް 23 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ މިވަގުތު ތާވަލުގެ 15 ވަނައިގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 33 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޕެޑްރޯ ޕޯރޯ ދިން ބޯޅައަކުން ރިޗަލިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއް ނުވަނީސް ލެސްޓަރ ސިޓީގެ ކެޕްޓަން ޖެމީ ވާޑީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި އޭގެ ހަތަރު މިނިޓު ފަހުން ލެސްޓަރ ގެ ބިލާލް އެލް-ޚަނޫސް ވަނީ އިތުރު ލަނޑެއް ޖަހާ ލެސްޓަރ ސިޓީ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.

ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލެސްޓަރ ސިޓީ މި މެޗުން މޮޅުވުމާއެކު ޖެހިޖެހިގެން ޕްރިމިއާ ލީގުގައި އެ ޓީމު ހަތް މެޗުން ބަލިވުމަށްފަހު ވަނީ ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ.

ޓޮޓްނަމް ހޮޓްސްޕަރ މި މެޗުން ބަލިވުމާއެކު ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޓޮޓްނަމް ހޮޓްސްޕަރ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ބައެއް ސަޕޯޓަރުން ވަނީ ކޯޗު ޕޮސްޓެކޮގްލޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ނަމަވެސް މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މި ސީޒަނުގައި އެ ޓީމަށް ކުރިމަތިވެފައިވާ މައްސަލައަކީ އަނިޔާގެ މައްސަލަ ކަމަށާއި ނަމަވެސް އޭނާ އެ ޓީމާއި ހަވާލުވިއިރު ޓީމު އޮތް ހާލަތަށްވުރެ މިހާރު ޓީމު އޮތް ހާލަތު ރަގަޅު ކަމަށެވެ.

ރޭގެ މެޗަށްފަހު ބައެއް ސަޕޯޓަރުން ވަނީ ޓީމުގެ ޗެއަރމަން ޑެނިއަލް ލެވީ އަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ޔޫރޮޕާ ލީގުގައި މިދިޔަ ހަފްތާގައި ޖަރުމަނުގެ ހޮފްންހޭމް އާއި ދެކޮޅަށް ޓޮޓްނަމް ކުޅުނު މެޗުގައިވެސް ލެވީ އާއި ދެކޮޅަށް ސަޕޯޓަރުން ވަނީ އަޑު އުފުލާފަ އެވެ.