ޚަބަރު

ޗެލްސީ ބަލިކޮށް ސިޓީ ހަތަރުވަނަ މަގާމަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ގަދަ ހަތަރެއްގެ ޖާގައެއް މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ހަތަރުވަނަ މަގާމް ލިބިފަ އެވެ. އަދި ޗެލްސީއަށް ލިބިފައިވާ 40 ޕޮއިންޓާއެކު އެ ޓީމު ވަނީ ހަވަނަ އަށް ވެއްޓިފަ އެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ޓީމުން ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު މިސްރުގެ ފޯވަޑް މަމޫޝްގެ އިތުރުން އުޒްބެކިސްތާނުގެ ޑިފެންޑަރ ކުސަނޯވްއަށް ފުރުސަތު ދީފަ އެވެ. ކުސަނޯވް މި މެޗުގައި ކުޅުމާއިއެކު އޭނާ ވެގެން ގޮސްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އުޒްބެކިސްތާނުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މެޗު ފަށައިގެން ތިންވަނަ މިނިޓުގައި ސިޓީ އާއި އަލަށް ގުޅުނު ޑިފެންޑަރ ކުސަނޯވް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނިކޮލަސް ޖެކްސަން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ނޯނީ މަޑުއޭކޭ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދަދީފަ އެވެ.

ޗެލްސީން ލީޑު ނެގި ނަމަވެސް ސިޓީ އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ވަކިން ހާއްސަކޮށް އެ ޓީމާއި އަލަށް ގުޅުނު މިސްރުގެ ފޯވަޑް މަމޫޝްގެ ފަރާތުން ވަނީ ރަގަޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މެޗުގެ 10 ވަނަ މިނިޓުގައި ސިޓީ އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިޔާ ބޭރުން ފިލް ފޯޑެން އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑި އަށެވެ.

ސިޓީން މެޗުގެ ކޮންޓްރޯލް ހޯދާ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައިވާއިރު މެޗުގެ 34 ވަނަ މިނިޓުގައި މަމޫޝް ޗެލްސީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރ ޖަސްކޯ ގަޑިއޯލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މަތިއުސް ނޫނޭޒް ގޯލަށް ފޮނުވާލި ބޯޅައެއް ޗެލްސީގެ ކީޕަރު ސަންޗޭޒް އަތުގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު އޭރިޔާ ތެރޭގައި ހުހަށް ހުރި ގަޑިއޯލް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ފީފާގެ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީ ޓުއާގެ ތެރެއިން މިހާރު މެންޗެސްޓަރ އަށް މަޑު ކުރުމަށްފަހު މި މެޗު ބެލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދަނޑަށް ގޮސްފަ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި ޗެލްސީގެ އިތުރުން މެންޗެސްޓަރ ސިޓީވެސް ވާދަކުރާނެ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޗެލްސީގެ ގޯލުކީޕަރ ރޮބާޓޯ ސަންޗޭޒް ހެދި ގޯހެއްގެ ފައިދާ ނަގާ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މި މެޗުގައި ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

ގޯލު ދޫކޮށް ކުރިއަށް އަރާފައިވަނިކޮށް ހާލަންޑް މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސަންޗޭޒްގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަކީ މި ސީޒަނުގައި ހާލަންޑު ޖެހި 18 ވަނަ ގޯލެވެ.

ސިޓީ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ފިލް ފޯޑެން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުން ސިޓީ މޮޅުވުމާއެކު އެ ޓީމުންވަނީ ލީގުގައި ބަލިނުވެ ހަ މެޗު ހަމަކޮށް ދާދި ފަހުން އެ ޓީމަށް ކުރިމަތިވި މައްސަލަތަކުން އަރައިގަނެ ޓީމުގެ އިތުބާރު ބޮޑުކޮށްފަ އެވެ.