އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މި މެޗުން މޮޅުވުމާއެކު ލިވަޕޫލް އަށް ވަނީ 22 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ޑޮމިނިކް ސޮބޮޒްލާއީ ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވާ ލިވަޕޫލް އިން ވަނީ މެޗުގެ 35 ވަނަ މިނިޓުގައި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ އޭރިޔާ ތެރޭގައި ހުރި ވަރަށް ހަނި އޭންގަލަކުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްގެން ސަލާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ލިވަޕޫލްގެ ޑަޗް ފޯވަޑް ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު ލިވަޕޫލް އަށް 3-0 ގެ ލީޑެއް ލިބިފައިވާއިރު އެ ޓީމުން ވަނީ އެ ލީޑު އިތުރަށް ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އަދި މެޗުގެ 66 ވަނަ މިނިޓުގައި ގެކްޕޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި އިޕްސްވިޗް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެކޮބް ގްރީވްސް އެވެ.
މި މެޗުންވެސް އިޕްސްވިޗް ބަލިވެފައިވާއިރު އެ ޓީމަށް 23 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު އޮތީ ރެލިގޭޝަން ޒޯނުގެ 18 ވަނައިގަ އެވެ.