ޚަބަރު

ބޭރު ޤައުމުތަކުގައި އެމެރިކާއިން ހިންގާ އެހީގެ ޕްރޮގުރާމުތައް މެދުކަނޑައިލައިފި


ބޭރުގައި ޤައުމުތަކުގައި އެމެރިކާއިން ހިންގަމުންދާ އިންސާނީ އެހީގެ ޕުރޮގުރާމުތަކާއި ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑައިލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން އަމުރު ކޮށްފިއެވެ. ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައު ޕުރޮގުރާމުތައް ފެށުން ވެސް އެ އަމުރުގައި އޮތީ މަނާކޮށްފައެވެ. ނަމަވެސް، އެ އަމުރުގައި ދެ ޤައުމެއް އިސްތިސްނާ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ޤައުމަކީ، ފަލަސްޠީނުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޒަޔަނިސްޓު އިސްރާއީލެވެ. ދެވަނަ ޤައުމަކީ މިޞްރެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ސޮއިކޮށް އަމުރެއް ނެރެފައި މި ވަނީ، އެމެރިކާއިން ބޭރު ޤައުމުތަކުގައި ހިންގަމުންދާ އިންސާނީ އެހީގެ ޕުރޮގުރާމުތަކާއި ތަރައްޤީގެ މަޝްރޫޢުތައް އަލުން މުރާޖާ ކުރުމަށް އަމުރު ކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕް ޤަރާރެއް ނެރުއްވުމާ ގުޅިގެންނެވެ. އެހީގެ ޕުރޮގުރާމުތައް މުރާޖާ ކުރުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، އެއީ އޭނާގެ އައު ޚާރިޖީ ސިޔާސަތުތަކާ އެއްގޮތަށް ހިންގަމުންދާ ޕުރޮގުރާމުތަކެއް ކަން ކަށަވަރު ކުރެއްވުމަށް ކަމަށް ވިދާޅުވެއެވެ.

ޚާރިޖީ ވުޒާރާގެ އަމުރާ އެކު، ބޭރު ޤައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެމެރިކާއިން މި ވަނީ މެދުކަނޑައިލާފައެވެ. ނަމަވެސް، އެ ކަމުން ވެސް ޔަހޫދީން ވަނީ އިސްތިސްނާ ކޮށްފައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އެ ޖަރީމާތަކަށް ބޭނުންވާ ހަތިޔާރުގެ ބޮޑު އިންސައްތައެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. މީގެ އިތުރުން، މިޞްރު ވެސް ވަނީ އަސްކަރީ އެހީ ފޯރުކޮށްދިނުން މެދުކަނޑައިލުމަށް ނެރެފައިވާ އަމުރުން އިސްތިސްނާ ކޮށްފައެވެ. އަމުރުގައި އިތުރު ޤައުމެއްގެ ނަން ހިމަނާފައެއް ނެތެވެ.

"
މިއީ މޮޔަ ނިންމުމެއް. މި ނިންމުމުގެ ސަބަބުން ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެން ދާނެ. މާނައަކީ، އަމުރުގައި ލިޔެފައިވާ ގޮތަށް އެ އަމުރު ތަންފީޒުކޮށްފި ނަމަ، ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިގެން ދާނެ."
ޖެރެމީ ކޯނިންދީކް، ރެފިއުޖީޒް އިންޓަރނޭޝަނަލްގެ ރައީސް

ޓްރަމްޕް އަދި ރޫބިއޯގެ ނިންމެވުމާ އެކު، ބޭރު ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ ނިކަމެތީންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ހިންގަމުން ދިޔަ އެތަކެއް ބިލިޔަން ޑޮލަރުގެ ޕުރޮގުރާމުތަކަށް މި ވަނީ ހުއްޓިފައެވެ. ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ. އެ ޤައުމުން 2023ވަނަ އަހަރު ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 72 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ.

ޓްރަމްޕްގެ ނިންމެވުމަށް ނުރުހުމާއި ފާޑުކިޔުން

ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕުރޮގުރާމުތައް މުރާޖާ ކުރުމަށް ޓްރަމްޕް އަމުރު ކުރައްވާފައި ވަނީ، ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެެމެރިކާއިން ހިންގަމުންދާ އެ ފަދަ ޕުރޮގުރާމުތައް 90 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް އޭނާގެ ޤަރާރުގައި އަމުރު ކުރައްވާފައިވެއެވެ.

ޓްރަމްޕްގެ އެންގެވުމަށް އަމަލު ކުރުމުގެ ގޮތުން އޭނާގެ ޚާރިޖީ ވުޒާރާއިން ބުނީ، ރޫބިއޯ ވަކި ގޮތަކަށް ނިންމަވަން ދެން، އެ ފަދަ ހުރިހާ ޕުރޮގުރާމުތަކެއް މެދުކަނޑައިލުމަށް އަމުރު ކޮށްފައިވާ ކަމުގައެވެ. މި ނިންމުމާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި، ބޭރު ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތައް ވެސް ހިމެނެއެވެ.

"މިއީ މޮޔަ ނިންމުމެއް،" ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިދާރާ (ޔޫއެސްއެއިޑް)ގެ ކުރީގެ އިސް އޮފިޝަލެއް ކަމުގައިވާ ޖެރެމީ ކޯނިންދީކް ވިދާޅުވިއެވެ. "މި ނިންމުމުގެ ސަބަބުން ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެން ދާނެ. މާނައަކީ، އަމުރުގައި ލިޔެފައިވާ ގޮތަށް އެ އަމުރު ތަންފީޒުކޮށްފި ނަމަ، ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިގެން ދާނެ."

ކޯނިންދީކް މިހާރު ފުރުއްވަމުން ގެންދަވަނީ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ރެފިއުޖީޒް އިންޓަރނޭޝަނަލްގެ ރައީސްގެ މަޤާމުގައެވެ. "މިއީ، ޚާރިޖީ އެހީގެ ޕުރޮގުރާމުތައް މުރާޖާ ކުރުމުގެ ގޮތުން ހެޔޮ ނިޔަތެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް ޤަބޫލު ކުރެވޭ އެއްވެސް ގޮތެއް ނެތް. މިއީ، ބޮޑެތި ގެއްލުންތަކެއް ދިނުމަށް ހިންގާފައިވާ އަމަލެއް،" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ނިންމެމުން ޣައިރުޤާނޫނީ

ޓްރަމްޕްގެ ނިންމެވުމާ މެދު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ވެސް ވަނީ މަޝްވަރާތައް ފަށާފައެވެ. އެ މަޝްވަރާތަކުގައި މަޢުލޫމާތު އިނގޭ މަޞްދަރަކުން ބުނީ، އެއީ ޣައިރުޤާނޫނީ ނިންމުމެއް ކަމުގައެވެ. "ބޭރު ޤައުމުތަކުގައި އިންވެސްޓު ކުރުން މެދުކަނޑައިލުމުން، އެހެން ޤައުމުތަކުން އެހީތެރިކަން ހޯދުމަށް އަޅުގަނޑުމެންގެ އެކުވެރިންނަށް މަޖުބޫރުވާނެ—އެއީ، އެމެރިކާގެ ވާދަވެރިންނާއި ދުޝްމަނުންގެ ކިބައިން—އެހީއަށް އޮތް ހުރަސްތައް ފޫބެއްދުމަށް، އަދި މި ނިންމުން ތަންފީޒު ކުރަމުންދާހާ ހިނދަކު އެމެރިކާގެ ބާރާއި ނުފޫޒު ނެތިގެންދާނެ،" ނަން ހާމަކޮށްފައި ނުވާ މަޞްދަރަކުން ބުންޏެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު، ޔޫކްރެއިންގައި ހިންގަމުންދާ އެހީގެ ޕުރޮގުރާމުތައް ވެސް މި ވަނީ މެދުކަނޑައިލާފައެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުތުރުން ޞިއްޙީ ފަރުވާގެ ޕުރޮގުރާމުތައް ހިމެނެއެވެ. ޔޫއެސްއެއިޑްގެ އޮފިޝަލަކު ބުނީ، ކުއްލިހާލަތުގެ މުހިންމު ޕުރޮގުރާމުތައް ކަމުގައިވާ މާބަނޑު މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަސައްކަތްތަކުގެ އިތުރުން ޔޫކްރެއިންގެ ތުއްތު ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ހިންގަމުންދާ ޕުރޮގުރާމުތައް މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމުގައެވެ.

ބޭރުގައި ޤައުމުތަކުގައި އެމެރިކާއިން ހިންގަމުންދާ އިންސާނީ އެހީގެ ޕުރޮގުރާމުތަކާއި ތަރައްޤީގެ މަޝްރޫޢުތައް މެދުކަނޑައިލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނިންމާފައިވީ ނަަމަވެސް، ނިކަމެތީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕުރޮގުރާމުތައް އިސްތިސްނާ ވާނެ ކަމުގައި ރުބިއޯގެ އޮފީހުން ހާމަކުރިއެވެ. އެމެރިކާއިން މި ގޮތަށް އަމަލު ކުރަން ނިންމާފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީގެ ސާމާނު ފޯރުކޮށްދިނުމަށް ހިންގަމުންދާ ޕުރޮގުރާމުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.