ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ތަން ސާފުކޮށް މަޖީދީ މަގު ހުޅުވާލައިފި


  • މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 04:20 ހާއިރު

މަޖިދީމަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތުގެ ތަޅާލަންޖެހޭ ބައި ތަޅާލައި، ތަން ސާފުކޮށްފިއެވެ. އެތަން ސާފުކުރުމުގެ މަސައްކަތްކުރީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ.

އަލިފާނުގެ ހާދިސާ ހިނގިތަން ސާފުކުރުމަށް ކުރެވުނު މަސައްކަތްތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކެލާގޭގެ ތަޅާލަންޖެހޭ ބައިތަށް ތަޅައިލުމަށްފަހު، ކުނިތައް ނަގައި، އެ އިމާރާތް ސާފުކުރުމުގެ މަސައްކަތް ނިންމައިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި މަޖީދީމަގުން ބަންދުކޮށްފައިވާ ސަރަހައްދު މިހާރު ހުޅުވައިލައިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިޘާގައި ގެއްލުންލިބުނު ތަންތަން ތަޅާލައި ސާފުކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސްގެ މުވައްޒަފުން ކުރެއްވި މަސައްކަތްތައް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.

ފުރުޓް ޓްރީ އެޕަލް ފިހާރަ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 04:20 ހާއިރުކަމަށެވެ. އަދި އަލިފާންގަނޑު ފަތިހު 05:27 ހާއިރު ކޮންޓްރޯލްކުރިއިރު، އަލިފާން މުޅިން ނިއްވާލެވިފަވަނީ ހެނދުނު 06:00 ގައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނުކަމަށެވެ. އެއީ 14 ދިވެހިންނާ 19 ބިދޭސީންނެވެ. މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވާކަމަށް އެންޑީއެމްއިން ވިދާޅުވެއެވެ.