ޚަބަރު

ފުޑް އެންޑް ބެވަރޭޖް ޝޯ، ނައިބު ރައީސް ހުޅުއްވައިދެއްވައިފި


  • މި ޝޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހާ ނިޔަލަށް

  • މި ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކި ޕްރޮމޯޝަންތަކުގައި ބައިވެރިވެވޭނެ

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެބޮޑު އެއް ޝޯ ކަމުގައިވާ، ފުޑް އެންޑް ބެވަރޭޖް ޝޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހުޅުއްވައިދެއްވައިފިއެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ މި ޝޯ ކުރިއަށްދަނީ ހުޅުމާލޭ ސެންޓުރަލް ޕާކުގައި މިމަހުގެ 26ގެ ނިޔަލަށެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯ ހުޅުވައިދެއްވާ ނައިބު ރައީސް ވަނީ މިއަހަރުގެ ޝޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ކާބޯތަކެތީގެ ބާވަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

މި ޝޯއަކީ، އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތަކާއި އުފެއްދުންތައް ޕްރޮމޯޓްކުރުމާއެކު އެ އުފެއްދުންތަކަށް މާކެޓެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޝޯއެކެވެ. އަދި މިމިއަހަރު 40އަށްވުރެ ގިނަ ފަރާތަކުން ވަނީ ފުޑް އެންޑް ބެވަރޭޖް ޝޯގައި ބައިވެރިވެފައެވެ.

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔާ މި ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކި ޕްރޮޑަކްޓުތައް ބަލައި ތަޖުރިބާކޮށްލުމާއެކު، އެކި ކުންފުނިތަކުން ކުރިއަށްގެންދާ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ޝޯގައި ތަފާތު ބާވަތްތަކުގެ ކެއުންތަކާއި، ބުއިންތަކުގެ އިތުރުން، ބަދިގެ ސާމާނުފަދަ ދާއިރާއާއި ގުޅުންހުރި ސާމާނު ވިއްކާ ވިޔަފާރިތަކުން ބައިވެރިވެފައިވެއެވެ.

މި ޝޯ އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

މިފަހަރުގެ ޝޯގެ ތެރެއިން ތަފާތު އެތައް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފެނަލިސްޓުންނާއި އެކު ބާއްވާ ސެޝަންތަކަކާއި، ޕިއްޒާ ކެއުމުގެ މުބާރާތަކާއި ކޭކު ޑެކޮރޭޓުކުރުމުގެ މުބާރާތަކާއި ބޭކްކުރުމުގެ މުބާރާތެއްގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ހައި ރައިސްއިން މައުލޫމާތުދެއެވެ.

މި ޝޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފްއެންޑްބީ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން ހޯލް ސޭލާރސް، ރީޓެއިލަރސް، އަދި އެކި ބާވަތްތައް ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޝޯއެކެވެ.