ސިއްހަތު

އެންޖިއޮޕްލާސްޓީ، އެންޖިއޮގްރަފީގެ ޚިދްމަތް މާދަމާ ފަށަނީ


ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދުމަތް ހަރުދަނާކުރައްވައި، ޞިއްޙީ ނިޒާމްގެ ތެރެއިން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ލަނޑުދަނޑިތަކެއް ޙާޞިލްކުރައްވަމުންނެވެ.

އެގޮތުން ރާއްޖޭގެ މައި ހޮސްޕިޓަލް ،އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މަލްޓި-ސްޕެޝަލިޓީ ޚިދްމަތް ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މިއަހަރަކީ މިމަސައްކަތުގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ އަހަރެކެވެ. މިއަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހު އެހޮސްޕިޓަލުގައި ނެޝަނަލް ކާޑިއެކް ސެންޓަރެއް ޤާއިމްކުރެވިގެންދިއުމަކީ، މިކަމުގެ ހެއްކަކަށް ފުދެއެވެ. ހިތުގެ އޮޕަރޭޝަންތައް ކުރެއްވުމަށް ބޭނުންވާ ކެތުލެބަކާއި، އިތުރު ފަރުވާއާއި، ތަޙްލީލުތައް ހެދުމުގެ ޚިދްމަތާއެކު ޤާއިމްކުރައްވާފައިވާ މިސެންޓަރަށް މާދަމާއަކީ ވަރަށް ޚާއްޞަ އަދި ތާރީޚީ ދުވަހެކެވެ. އެއީ މާދަމާ އެސެންޓަރުގެ ކެތުލެބުގައި އެންޖިއޮގްރަފީއާއި، އެންޖިއޯ ޕްލާސްޓީ ހަދަން ފެށުމެވެ. މިކަން ޕީ.އެސް.އެމްއާއި ހިއްސާ ކުރައްވަމުން އައި.ޖީ.އެމް.އެޗްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ރިޝްވާން ވިދާޅުވީ، މާދަމާ ހިތުގެ ބަލީގެ ތިންމީހަކަށް ޕްރޮސީޖަރ ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވާފައިވާކަމަށެވެ.

 " މާދަމާ ޕްރޮސީޖަރ ކުރިޔަށްގެންދިއުމަށް ޑޮކްޓަރުން ނިންމަވާފައިމިވަނީ ތިންމީހެއްގެ. އެތިން މީހުން މާދަމާ ހެދުނު މިތާ ( ނެޝަނަލް ކާޑިއެކް ސެންޓަރ) ގައި އެދުމަތި ކުރާނެ. އަދި ޕްރޮސީޖަރ ފަށާނީ މާދަމާ މެންދުރު 01:30 ގައި. އަންދާޒާ ކުރެވެނީ ހަތަރެއް ޖަހަން ވާއިރަށް 3 މީހުންވެސް ނިމޭނޭކަމަށް.  މީގައި އައި.ޖީ.އެމް.އެޗްގެ ހިތުގެ ޑޮކްޓަރަކާއި، އިންޑިޔާގެ ޑޮކްޓަރެއް ބައިވެރިވާނެ. މިހާރު މިވަނީ މުޅި ސެންޓަރި މިކަމަށް ތައްޔާރުވެފައި. ބޭނުންވާ މެޝިނަރީޒް އިންސްޓޯލްކޮށް، ޚިދްމަތްތަކަށް ބޭނުންވާ ފަންނީ ބޭފުޅުން މިވަނީ  ތައްޔާރު ކުރެވިފައި. ދިވެހި ނަރުހުންވެސް މިވަނީ މިކަމަށް ތައްޔާރުވެފައި. އިރާދަ ކުރެއްވިއްޔާ މާދަމާ  އަޅުގަނޑުމެން ބޭނުންވާ "ފުލީ ފްލެޖް ނެޝަނަލް ކާޑިއެކް ސެންޓަރ" ހުވަފެން  ހަޤީގަތަކަށް ވާނެ." އައި.ޖީ.އެމް.އެޗް ގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ރިޝްވާން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14651937614910.jpg|އައިޖީއެމްއެޗްގެ އެތެރެ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ- ފޮޓޯ: ރައީސް އޮފީސް

އިންދިރާ ގާނދީ މޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރައްވާފައިވާ، ނެޝަނަލް ކާރޑިއެކް ސެންޓަރުގައިވާ ކެތު ލެބުން، އޮޕަރޭޝަނުގެ ބަދަލުގައި ބޭނުންކުރާނީ، ހަށިގަނޑުގެ ލޭނާރުގެ ތެރެއަށް ލައްވާ ކެތޭޓާރ އެއްކަމަށް އައިޖީ.އެމް.އެޗުން ވިދާޅުވެއެވެ. މައިގަނޑުގޮތެއްގައި މިސެންޓަރުގައި ދެއްވާނޭ ޚިދްމަތަކީ، އެންޖިއޯގްރަފީއާއި، އެންޖިއޯ ޕްލާސްޓީ ހެދުމުގެ ޚިދްމަތެވެ. އަދި ހިތުގެ ޕްރެޝަރު ބެލުމާއި، ހިތުގެ ކަރަންޓު ހިގާގޮތުގެ ނިޒާމް ބެލުމާއި، އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ފަރުވާ ކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އުފެދުމުގައި، ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާނުލާ ޑިވައިސްއެއް ބޭނުންކޮށްގެން ބެއްދުމާއި، ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކަރއެއް ލެއްވުމުގެ ޚިދުމަތްވެސް ކެތުލެބުން ލިބިގެންދާނެއެވެ. މީގެ އިތުރުން މި ކެތު ލެބަކީ، ސިކުނޑީގެ ނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލާ ނުވަތަ ނަގާ އިމަޖެންސީ ޙާލަތުގައި ސްޓްރޯކަށްވެސް ފަރުވާ ދެވޭނޭ ތަނެކެވެ.

ސެންޓަރުގެ އިތުރު ޚާއްޞަ ސިފަތަކުގެ ތެރޭގައި، ހޯލްޓަރ ކާޑިއޯރޫމާއި، އިކޯ ކާޑީއޯ ރޫމަކާއި، ޓްރެޑްމިލް ރޫމަކާއި، ކާޑިއެކް ކެތިޓަރައިޒޭޝަން ރޫމެއް ހިމެނެއެވެ. އަދި މި ސެންޓަރުގައި 9 އެނދުގެ ކާޑިއޯ ވެސްކިއުލާ އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމް ކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ. އިންޑިއާގެ މެޑް-ޓްރީނާ ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކު، ޤާއިމްކުރެވިފައިވާ މިލެބަށް ބޭނުންވާ މެޝިނަރީޒް އިންސްޓޯލްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުންނެވެ. އަދި މިކަމަށް ބޭނުންވާ ދިވެހިންވެސް ތަމްރީންކޮށްފައިވަނީ އެހޮސްޕިޓަލުންނެވެ.