ޢާންމުކޮށް އިޢުލާން ކުރުމަކާއިނުލާ ފަތުރުވެރިކަމަށް ރަށްތައް ދޫކުރެވޭގޮތަށް ޓޫރިޒަމާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙަކީ ބާޠިލް އިޞްލާޙެއްކަމަަށް ދެކޭކަމަށާއި، އެއީ ބައިނަލްއަޤްވާމީ މިންތަކާއި ޚިލާފް އިޞްލާޙެއްކަމަށް އިދިކޮޅު ޕާޓީތައް ހިމެނޭގޮތުން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީގެ އޮފީހުގައި މީޑިއާ ވާހަކަ ދައްކަވަމުން ކުރީގެ ޔޫތު މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، ބިޑު ކުރުމަކާއި ނުލައި ރަށްތަކާއި، ބިންތައް ދޫކުރުމަށް އިއްޔެ ފާސްކުރި ބިލަކީ ޤާނޫނު އަސާސީއާއި ޤައުމު ޤަބޫލު ކުރާ ކަންކަމާއި ބައިނަލްއަޤްވާމީ މިންތަކާއި ޚިިލާފު ބާޠިިލް އިޞްލާޙެއްކަމަށް ދެކޭކަމަށެވެ. އެ ޤާނޫނުގެ ދަށުން ދޫކުރާ ރަށްތަކާއި ފަޅުތައް ދެން އުފެދޭ ސަރުކާރެއްގެ ފުރަތަމަ ދުވަހު ދައުލަތަށް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހު ވަނީ ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނީ ހުޅުވާލެވިފައިވާ ވާދަވެރި ބިޑެއްގެ ތެރެއިން ރަށްތަކާއި ފަޅުތައް ދޫކޮށްގެން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދަޅުވެފައެވެ.