ޔަހޫދީ ދައުލަތާއި ޣަައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުން ހަރުކަށި ފިކުރުގެ ޔަހޫދީން ހިތްހަމަނުޖެހިއްޖެއެވެ.
ޒަޔަނިސްޓު ސަރުކާރަށް ނިޞްބަތްވާ ދެ ވަޒީރުން ވަނީ ޢުދުވާން ހުުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލު ކުރަން ފެށުމުން އެކަމާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކައިފައެވެ. އެ ނިންމުމާ ނުރުހުން ވެގެން ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގެވިއަރއާއި އޭނާގެ ޕާޓީއަށް ނިޞްބަތްވާ އިތުރު ދެ ވަޒީރުން ވެސަ ވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވަޒީރުންގެ މަޖިލީހުން އިސްތިޢުފާ ދީފައެވެ. އެއާއެކު އެ ޕާޓީއަކީ މިހާރު ސަރުކާރު ހިންގާ އިއްތިޙާދުގެ ބައިވެރިއެއް ނޫނެވެ.
އޭގެ އިތުރުން ޔަހޫދީންގެ މާލީ ވަޒީރު ބެޒަލޭލް ސްމޮތަރިޗު ވެސް ވަނީ އެއްބަސްވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާ ބުނީ ޔަހޫދީންގެ އަސްކަރީ މަޤްސަދު ޙާޞިލް ނުކުރެވެނީސް ހަނގުރާމަ ހުއްޓާލައިފި ނަމަ އޭނާއާއި އޭނާގެ ޕާޓީ ވެސް ސަރުކާރު ހިންގާ އިއްތިޙާދުން ވަކިވާނެ ކަމަށެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކޮށް އެ އަށް ޢަމަލު ކުރަން ފަށާފައި ވަނީ 19 ޖަނަވަރީގައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން އަސީރުން މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި, އަސީރަކަށް 30 ޤައިދީންގެ މަގުން ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 90 ރަައްޔިތުން ވަނީ މިނިވަން ކޮށްފައެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިން މަރުޚަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުޚަލާއެއް ވެސް 42 ދުވަހަށް ދެމިގެން ދާނެއެވެ. ފުރަތަމަ މަރުަޚަލާގައި ޙަމާސުން ޖުމްލަ 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. މި މަރުޚަލާގައި ދޫކުރާނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އޭގެ ބަދަލުގައި 2,000އަށް ވުރެ ޤައިދީން ޔަހޫދީން މިނިވަން ކުރާނެއެވެ. އެއްބަސްވުން ތަންފީޒު ކުރާ ފުރަތަމަ ދުވަހު ތިން އަސީރުން މިނިވަން ކުރުމަށް ފަހު ހަތްވަނަ ދުވަހު ޙަމާސުން އިތުރު ހަތަރު އަސީރުން ދޫކޮށްލާނެއެވެ. މިހެން ގޮސް ކޮންމެ ހަތް ދުވަހުން ތިން އަސީރުން ދޫކުރަމުން ދާނެއެވެ. ދިރިތިބި އަސީރުން ދޫކޮށް ނިމުމުން މަރުވެފައިވާ އަސީރުންގެ ހަށިތައް ރައްދު ކުރަން ފަށާނެއެވެ.