ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުގެ ބިން ހިއްކަވަން ފަށްޓަވައިފި


މާލޭ ހުޅަނގު ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީ ކުރައްވާ ބިން ހިއްކެވުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިފިއެވެ. 

އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގެ އެތެރޭގައި ހުރި ގަރާޖް، ވޯކްޝޮޕްތަކާއި، ކެމިކަލް ގުދަންތައް ބަދަލު ކުރެއްވުމަށް ހުޅަނގު ދެކުނު ފަރާތް ހިއްކަވައިގެން 6.9 ހެކްޓަރ ހިއްކަވައިގެން ތަރައްޤީ ކުރައްވާ ތަނެކެވެ. ގަރާޖް ވޯކްޝޮޕްތަކާއި، ކެމިކަލް ގުދަންތަކުގެ އިތުރުން އެތަނުގެ ބޮޑު ބައެއްވަނީ، ކުނި މެނޭޖްކުރުމަށް ޚާއްސަ ކުރައްވާފައެވެ.

އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީ ކުރައްވާ ބިން ހިއްކެވުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށްޓަވާފައިވާއިރު، މި މަސައްކަތް ޖުލައި މަހުގެ 3 ވަނަ ދުވަހު ނިންމުމަށްވަނީ އަމާޒު ކުރައްވާފައެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ރަސްމީކޮށް ހުޅުވުމަށް ކަނޑައަޅުއްވާފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމަށް އެ ސަރަހއްދުގައި އޮތް ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިލެޖްގެ މަގު ހެދުމާއި، އެހެނިހެން މަސައްކަތްތައް ބިން ހިއްކައި ނިމުމާއެކު ފަށްޓަވާނެކަމަށެވެ. އަދި މަގު ހެދުމަށް ބޭނުންވާ ގާވެސް މިހާރު ގެނެސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖުލައި 26 ގައި ވިލެޖް ހުޅުވާއިރު އެ ސަރަޙައްދުގެ ބޭރު ތޮށިގަނޑު ރަނގަޅު ފެންވަރަކަށް ހެދިގެންދާނެކަމަށެވެ. އަދި އެއީ ކުރިން އެތަނުގައި އޮތް ތޮށިގަނޑަށްވުރެ ފެންވަރު ރަނގަޅުކޮށް ހައްދަވާ ތޮށިގަނޑެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.