ޚަބަރު

އެސްޓަން ވިލާއިން އާސެނަލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އާސެނަލް އަށް 22 މެޗުން 44 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން ލިވަޕޫލް އަށް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު އެސްޓަން ވިލާ އަށް 22 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ހަވަނަ މަގާމު ލިބިފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 35 ވަނަ މިނިޓުގައި އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ކައި ހަވާޓްޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

އެސްޓަން ވިލާއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.