އިސްލާމީ މުޖުތަމައަށް މިއަދު ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ތެދުވެރިވާން ޖެހޭ ފަރާތްތަކަށް ތެދުވެރި ނުވުންކަމަށާއި، ތެދުވެރިކަން ނެތްނަމަ ފަރުދުންނާއި މުޅި މުޖުތަމައުގައި ފިތުނަވެރިކަން އުފެދިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ހަތަރު ވަނަ އިޙްޔާ ޖަލްސާގައި ތެދުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އެންމެ ފުރަތަމަ މުސްލިމަކަށްވީތީ މާތް ﷲ އަށާއި، އެކަލާނގެ ދީނަށް ތެދުވެރިވާން ޖެހޭކަމަށެވެ. އަދި ތިމާ އެހެން މީހުންނާއި މުއާމަލާތު ކުރާއިރު ތެދުވެރިވުމާއި، އާއިލާތަކާއި މުޅި މުޖުތަމައުގެ ތެރޭގައިވެސް ދެކެވޭ ވާހަކަތަކަކީ ތެދުބަހުން ދެކެވޭ ވާހަކަތަކަށް ވާންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ތެދުވެރިވުން މި މައުޟޫގެ އިތުރުން، "ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިޙި ވަސައްލަމް ޣައިރު މުސްލިމުންނާއި، މުޚާތަބު ކުރެއްވި ގޮތް" މި މައުޟޫއަށް އިސްލާމިކް މިނިސްޓަރުގެ ނައިބު ޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޣައިރު މުސްލިމުންނާއި މުޚާތަބް ކުރަންވީ ގޮތާއި، އެމީހުންނާއި ގުޅުން ބާއްވަން ޖެހޭ މިންވަރު، ކީރިތި ގުރުއާނާއި ރަސޫލާގެ ބައެއް ހަދީސްފުޅުތަކުން ހާމަވާ ބައެއް ހެކިތައް ދެއްކެވިއެވެ. އަދި އިސްލާމް ދީނަކީ ހަމަހަމަ އުސޫލުން އެންމެހާ މީހުންނާއިވެސް މުއާމަލާތުކުރަން ޖެހޭ ދީނެއްކަން ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށްއިޙްޔާ ޖަލްސާތައް ރޯދަމަސް ނިމެންދެން ބޭއްވުމަކީ މައުމޫނުން ފައުންޑޭޝަނުން ހިންގާ އެންމެ މުހިއްމު އެއް ހަރަކާތެވެ.