ޚަބަރު

ލޮސް އެންޖެލީސްގެ އަލިފާންގަނޑު ފެތުރުން ހުއްޓުވުނު ނަމަވެސް އަދިވެސް ނުރައްކާ ބޮޑު


އެމެރިކާގެ ލޮން އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރިފައިވާ އަލިފާންގަނޑުތައް ނިއްވައިލެވުނު ނިޞްބަތް އިތުރު ވެއްޖެއެވެ.

މީގެ ދިހަ ދުވަސް ކުރިން ފެތުރެން ފެށި އަލިފާންގަނޑުތަކުގައި މިހާތަނަށް 152 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ އަނދާފައެވެ. އެއީ ފަރަންސޭސިވިލާތުގެ ވެރިކަންކުރާ ޕެރިހާ އެއްވަރުގެ ސަރަޙައްދެކެވެ. ހުޅުގަނޑުގެ ސަބަބުން މިހާތަނަށް 27 މީހުން މަރުވެ 12,000އަށްވުރެ ގިނަ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި 82,400 މީހުންނަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ރަސްމީ އިދާރާތަކުން އަންގައިފައެވެ. އިތުރު 90,400 މީހުން ގެދޮރު ދޫކޮށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރެމުންދާ ޕެސިފިކް ޕެލިސޭޑްސްގެ ހުޅުގަނޑު ވަނީ 96 އަކަ ކިލޯމީޓަރަށް ފެތުރިފައެވެ. އެ ހުޅުގަނޑު މިހާރު ވަނީ 27 އިންސައްތައަށް ކޮންޓްރޯލް ކުރެވިފައެވެ. ދެން ފެތުރެމުންދާ އީޓަން ހުޅުގަނޑު ވަނީ 57 އަކަ ކިލޯމީޓަރަށް ފެތުރިފައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވާ މިންވަރު ވަނީ 55 އިންސައްތައަށް އިތުރު ވެފައެވެ.

އަލިފާންގަނޑު ފެތުރެމުންދާ ސަރަޙައްދުތަކުގައި ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުން ހުޅުގަނޑުތައް ނިއްވައި ނުލެވި ހަލުވިކަމާއެކު އިތުރަށް ފެތުރެމުން ދިޔައެވެ. ވައިގެ ބާރު މިން އިތުރަށް ގަދަ ވާނެ ކަމަށް ލަފާ ކޮށް ރަސްމީ އިދާރާތަކުން ވަނީ ރަތް އިންޒާރު ވެސް ނެރެފައެވެ. ނަމަވެސް ރަތް އިންޒާރުގެ ޙާލަތުގައި އަލިފާންގަނޑު ފެތުރުނަ ނުދީ ވަނީ ހިފަހައްޓާ ލެވިފައެެވެ. ވައި ޖެހޭ މިންވަރު މި ވަގުތަށް އަނެއްކާ ވެސް ކުރިއަށްވުރެ މަޑުވި ނަމަވެސް 19 ޖަނަވަރީިން ފެށިގެން އަނެއްކާވެސް ވައި ގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަސްމީ އިދާރާތަކުން ވަނީ އަލިފާނުގެ ނުރައްކަލުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް ދިއުމަށް އަމުރު ކޮށްފައިވާ މީހުން އެ މީހުންގެ ގެދޮރަށް އަނބުރާ ނުގޮސް އަދި އިތުރު ހަފުތާއެއްހާ ދުވަސް މަޑު ކުރުމަށް އަންގައިފައެވެ. އެ މުއްދަތު ފަހުން އިތުރު ކުރަން ޖެހިދާނެ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ. އަނދާ ހުލިވެފައިވާ އަވަށްތަކުގައި ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ ވިހަ މާއްދާތައް ހުރުމުގެ ސަބަބުން އެ ސަރަޙައްދުތައް ދަނީ ކޮންމެވެސް ވަރަކަށް ސާފު ކުރަމުންނެވެ. ނުރައްކާތެރި އިތުރު ޙާލަތެއް ދިމާވިޔަ ނުދިނުމަށް އެ ސަރަޙައްދުތަކުން ކަރަންޓާއި ގޭސް ވެސް ވަނީ ކަނޑާލައިފައެވެ. އޭގެ އިތުރުން އަލިފާނުގެ އަސަރު ފޯރާފައިވާ އުސް ސަރަޙައްދުތަކުގައި ބިންގަނޑު ދަމައިގަތުމުގެ ހާދިޘާތައް ވެސް ދަނީ އިތުރު ވަމުންނެވެ.

ލޮސް އެންޖެލީސްގެ އަލިފާނުގެ ކާރިޘާއަކީ އެމެރިކާގެ ތާރީޚުގައި ވެސް ހިންގާފައިވާ އެންމެ ގެއްލުން ބޮޑު ޤުދުރަތީ ކާރިޘާއެވެ. ގެއްލުމުގެ އަގު ކުރާ އަމިއްލަ ކުންފުންޏަކުން ވަނީ މިހާތަނަށް ލިބިފައިވާ ގެއްލުން 250 ބިލިޔަން ޑޮލަރަށްވުރެ އިތުރު ވާނެ ކަމަށް އަންދާޒާ ކޮށްފައެވެ. މި ކާރިޘާގެ ސަބަބުން ކުރިއަށް އޮތް ދެ ތިން އަހަރު ލޮސް އެންޖެލީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑެތި ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ދަތިތަކެއް ކުރިމަތި ވާނެއެވެ. އެ މުބާރާތްތަކުގެ ތެރޭގައި 2026ގެ ފީފާ ވޯލްޑް ކަޕާއި 2027ގެ ސުޕަރ ބޯލާއި 2028ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހިމެނެއެވެ.