އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދުގައިވާ ފަރަގު އާސެނަލުން ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.
އާސެނަލް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 21 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް އެއް މެޗު މަދުން ކުޅެގެން 47 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތްވަނީ ނުވެފަ އެވެ.
ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ރަގަޅު ނަތީޖާތަކެއް ހޯދުމަށް އާސެނަލް އިން އޮތީ ކެތްމެދުވެފަ އެވެ.
މެޗުގެ 25 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރ ގެ ސޮން ހިއުން މިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 40 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ.
އަދި އޭގެ ހަތަރު މިނިޓުގައި ލިސަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.