އެމެރިކާގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅެމުންދާ ސަރަޙައްދުތަކަށް ފެތުރި އަންދަމުންދާ ހުޅުގަނޑުތައް އިތުރަށް ފެތުރުމުގެ ބިރު އިތުރު ވެއްޖެއެވެ.
ލޮސް އެންޖެލީސްގެ އެކި ސަރަޙައްދުތަކަށް ފެތުރިފައިވާ އަލިފާންގަނޑުގައި މިހާތަނަށް 24 މީހުން މަރުވެ 12,000އަށް ވުރެ ގިނަ އިމާރާތަށް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިޔުމަށް 92,000އަށްވުރެ ގިނަ މީހުންނަށް ރަސްމީ އިދާރާތަކުން އަންގައި އިތުރު 89,000 މީހުން ގެދޮރު ދޫކޮށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އަލިފާނުގެ ސަބަބުން ބޮޑެތި އަވަށްތައް ވަނީ ބިމާ ހަމަވެ ސުންނާފަތިވެފައެވެ. އަލިފާންގަނޑުގައި މިހާތަނަށް އަނދާ ގޮސްފައިވާ ސަރަޙައްދު އެމެރިކާގެ ވޮޝިންގޓަންގެ ބޮޑު މިނާ އެއްވަރެވެ.
އަލިފާންގަނޑު ފެތުރެމުންދާ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ގަދަ ވައެއް ޖެހެމުން ދާތީ އަލިފާންގަނޑު ކޮންޓްރޯލު ކޮށް ނިއްވައިލުމުގައި ގިނަ ދަތިތަކާ ދަނީ ކުރިމަތިލަމުންނެވެ. ގަޑިއަކު 50 މޭލާ 70 މޭލާ ދެމެދުގެ ބާރުމިނުގައި ޖެހެމުން ދިޔަ ވައިގެ ސަބަބުން އަލިފާނުގެ އަޅިތައް ތިން ކިލޯމީޓަރު ދުރަށް ބުރަމުން ދިޔުމުން އަލިފާންގަނޑު ދިޔައީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ނަމަވެސް ފާއިތުވި ދެ ދުވަހު ވައި ޖެހެމުން ދިޔަ ބާރުމިން ވަނީ 30 މޭލާ 50 މޭލާ ދޭތެރެއަށް މަޑުވެފައެވެ. އެހެންކަމުން އެ ދަނޑިވަޅުގައި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ވައި ބާރުމިން އިތުރުވެ ގަޑިއަކު 75 މޭލާ ހަމައަށް ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާ ކޮށްފައެެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހަކީ އަލިފާންގަނޑުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު އިތުރަށް ގޯސްވެ އެންމެ ނުރައްކާވާނެ ވަގުތު ކަމަށް ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ. މި ޙާލަތަށް ‘ރެޑް ފްލެގް’ އިންޒާރު ވަނީ ނެރެފައެވެ. އެ އިންޒާރުން ދޭހަ ކޮށްދެނީ ޖައްވުގެ ހޫނުމިން އިތުރުވުމާއި ވައިގެ ތެތްކަން ދަށް ވުމުގެ އިތުރުން ގަދަ ވައިގެ ސަބަބުން އަލިފާނުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުން އެކަށީގެންވާ ކަމެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން 8,500އަށްވުރެ ގިނަ ފަޔަރފައިޓަރުން ދަނީ ޙަރަކާތްތެރި ވަމުންނެވެ. ވައިގެ ބާރުމިން އެންމެ ގަދަވާންވާއިރަށް އަލިފާންގަނޑު ފެތުރޭނެ ކަމަށް ބެލެވޭ އެންމެ ނާޒުކު ސަރަޙައްދުތަކަށް ވަނީ ދުރާލާ ފަޔަރފައިޓަރުން ފޮނުވާފައެވެ. ލޮން އެންޖެލީސްގެ އިތުރުން ޖެހިގެން އޮންނަ ސަދަން ކެލިފޯނިޔާގައި ވެސް ފަޔަރ ފައިޓަރުން ތިބީ ތައްޔާރީ ޙާލަތުގައެވެ.
އެންމެ ބޮޑު ހުޅުގަނޑު ފެތުރެމުންދާ ޕެސިފިކް ޕެލިސޭޑްސްގައި 96 އަކަ ކިލޯމީޓަރަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. އެ ސަރަޙައްދުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ހުރީ 14 އިންސައްތައިގައެވެ. ދެން ފެތުރެމުންދާ އީޓަން އަލިފާންގަނޑު 33 އިންސައްތައަށް ކޮންޓްރޯލް ކުރެވިފައިވާއިރު އެ އަލިފާންގަނޑު ވެސް ވަނީ 57 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. އަދި 3.2 އަކަ ކިލޯމީޓަރަށް ފެތުރިފައިވާ ހަރސްޓް އަލިފާންހަނޑު މިހާރު ވަނީ 95 އިންސައްތައަށް ކޮންޓްރޯލު ކުރެވިފައެވެ.
ލޮސް އެންޖެލީސް ހިމެނޭ ކެލިފޯނިޔާ ސްޓޭޓުގެ ގަވަރުނަރު ގާވިން ނިއުސަމް ވިދާޅުވީ ލޮސް އެންޖެލީސްގެ އަލިފާންގަނޑަކީ އެމެރިކާގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ޤުދުރަތީ ކާރިޘާ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ގެއްލުމުގެ އަގު ކުރާ ބައެއް އަމިއްލަ ކުންފުނިތަކުން ވަނީ އަލިފާނުގެ ގެއްލުން މިހާރު ވެސް 150 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައެވެ.