ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުން ގޯސްވުމުން ލިބޭ ގެއްލުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ. މިޓާސްކްފޯސްގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއެވެ.
ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައެވެ.
މިޓާސްކް ފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މި ޓާސްކް ފޯހުގެ ޖޮއިންޓް އޮޕަރޭޝަން މަރުކަޒު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ޤާއިމްކުރައްވާފައިވާކަމަށެވެ.
ހިލްމީ ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ. އެގޮތުން މާލޭގައި ވެލި ބަސްތާ ޖެހުމާއި، ޕަންޕް ސްޓޭޝަންތައް ބޭނުންކުރުމަށް ސިފައިން ތިބީ ތައްޔާރަށްކަމަށް ހިލްމީ ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ސިފައިން ތައްޔާރައް ތިބިކަން ހިލްމީ ފާހަގަކުރެއްވިއެވެ.
"4 ސަރަހައްދެއްގައި އެމްއެންޑީއެފްގެ ރީޖަނަލް ކޮމާންޑް ސެންޓަރުތައް އެބަހުރި. މުޅި ރާއްޖެ ކަވަރުކުރުމަށް މަސައްކަތްތައް އަޅުގަނޑުމެން ވަނީ ތަރުތީބުކޮށްފައި. މާލޭގެ 3 ދިމާލެއްގައި ވެލިބަސްތާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި. އެއީ ހެންވޭރު ކުޑަކުދިންގެ ބަގީޗާއާއި ސަލްމާން މިސްކިތް ކައިރި ސަރަހައްދާއި ރަސްފަންނު ބަގީޗާ ސަރަހައްދު." ހިލްމީ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މޫސުން ގޯސް މި ދަނޑިވަޅުގައި ސިފައިންނެކޭ އެއްފަދައިން ފުލުހުންވެސް މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށްތިބި ކަމަށެވެ. އަދި ޕޮލިސް ޕޯސްޓްތައް ޤާއިމުކުރެވިފައި ނުވާ ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ޚިދުމަތްތައް ތަރުތީބުކޮށްފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢުވަނީ މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ޢާންމުންގެ ފަރާތުން ބައެއް ކަންކަމަށް އެދިވަޑައިގެންފައެވެ. އެގޮތުން ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ނުދުއްވުމަށް ޝުޖާޢު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެން ފެން ބޮޑުވާ މަގުތައް އެބަ ބަންދުކުރަން. މިކަން ކުރަނީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް. އެހެންކަމުން ފުލުހުންގެ އިރުޝާދުތަކަށް ބޯލެބުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް." ޝުޖާޢު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ އެ އިދާރާގެ އިމަރޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކުރެވި އެހީ ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަކަމަށެވެ.
ޙިސާން ވަނީ މާލޭގައި ފެން ބޮޑުވެގެން އެންމެ ބޮޑަށް އަސަރުކުރާ ގޭބިސީތަކުގައި ވެލި ބަސްތާ ޖެހުމަށްކުރާ މަސައްކަތުގެ ތަފްސީލު ޙިއްސާކުރައްވާފައެވެ. އެގޮތުން 57 އަށްވުރެ ގިނަ ތަންތަނުގައި ވެލިބަސްތާ ޖަހާފައިވާކަން ފާހަގަކުރައްވާ ޙިސާން ވިދާޅުވީ އަދިވެސް ވެލިބަސްތާ ޖެހުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޙިސާންވެސް ވަނީ މޫސުމީ ވިއްސާރައިން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެދިވަޑައިގެންފައެވެ.
"ސައިކަލު ރައްކާތެރި ސަރަހައްދުތަކުގައި ޕާކުކުރުން މުހިންމު (ފެން ބޮޑުނުވާ ސަރަހައްދުތަކުގައި). ކުދި ވިޔަފާރިއާއި ރެސްޓޯރެންޓާއި ކެފޭތަކުން އަގުބޮޑެތި މުދާތައް ފެން ބޮޑުވެއްޖެނަމަ ގެއްލުން ނުވާނެ ހިސާބެއްގައި ބެހެއްޓުން މުހިންމު. ވައި ގަދަވެގެން ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް. އުދަ އަރައިގެން ލިބިދާނެ ގެއްލުންތަކުން ސަމާލުވުމަށް އެދެން. ދަނޑުބިންތައް ރައްކާތެރިކުރުންވެސް މުހިންމު." ޙިސާން ވިދާޅުވިއެވެ.
މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.