ޚަބަރު

ޚާރިޖީ ވަޒީރު ބޭރުގެ ބައެއް ސަފީރުންނާ ބައްދަލުކުރައްވައިފި


ޖެނީވާގައި ތިއްބަވާ އިންޑިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ އަދި ޗައިނާގެ ސަފީރުންނާއި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވެވި މިބައްދަލުވުންތައް ބާއްވަވާފައިވަނީ ޖެނީވާގައި މިހާރު ކުރިޔަށްދާ 32 ވަނަ އދގެ ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ޚުލާސާގައެވެ. މިބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ދުންޔާ ވަނީ ފާއިތުވި 6 އަހަރުގެ ތެރޭގައި އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އަދާކޮށްފައިވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތައް ތަމްސީލްކުރުމުގަ އާއި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދާ އިސްދައުރު ދުންޔާ ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ ޤައުމެއްގެ ކާމިޔާބީ މިނާނީ އެޤައުމެއްގެ ކުޑަ ބޮޑު މިނުން ނޫންކަމަށާއި، އެކަން ބިނާވެގެންދާނީ ރަޙްމަތްތެރި ޤައުމުތަކާއި ގުޅިގެން އެންމެންގެ މަންފާއަށް ކުރާ މަސައްކަތުގެ މައްޗަށްކަމަށެވެ. މިބައްދަލުވުންތަކަށްފަހު ޚާރިޖީ ވަޒީރު ވަނީ ޖެނީވާގައި ތިއްބަވާ އިސްލާމީ ޤައުމުތަކުގެ ސަފީރުންނާއެކު ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.