ޚަބަރު

ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްބުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ގަރްނާޗޯގެ އެސިސްޓަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ.

ނަމަވެސް މެޗުގެ 61 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއެކު ޔުނައިޓެޑްގެ ޑިއެގޯ ޑަލޮޓް އަށް ރެފްރީ ރަތް ކާޑެއް ދައްކާފައިވާތީ މެޗުގެ ބާކީ ބައި އެ ކްލަބުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޔުނައިޓެޑްގެ ކޮޅަށް އާސެނަލްގެ ގެބްރިއެލް މަގަލާއެސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އާސެނަލް އިން މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް އުފައްދާފައިވާއިރު މި މެޗުގައި ޔުނައިޓެޑްގެ ގޯލުކީޕަރު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ދެވަނަ ހާފުގައި ލީޑު ނެގުމަށް އާސެނަލްއަށް ލިބުނު ޕެނަލްޓީ މާޓިން އޮޑެގާޑު ފޮނުވާލިއިރު އެ ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން ޑެކްލަން ރައިސް އާއި ކައި ހަވާޓްޒް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއްވެސް މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައިވެސް އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހިފައިނުވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން އާސެނަލް ބަލިވެފައިވާއިރު ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީވެސް ޔުނައިޓެޑްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.