ޚަބަރު

ޓެރަރިޒަމްގެ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި


ރާއްޖެއިން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އުޅުމަށްފަހު ރާއްޖެ އައި މީހަކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 30 އަހަރުގެ މި ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އޭނާ އެނބުރި ރާއްޖެއައުމުން ކަމަށެވެ. އަދި އޭގެފަހުން 3 ފަހަރެއްގެ މަތިން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި މި މީހާއަކީ ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ އިސްމަގާމެއް ފުރާފައިވާ މީހެކެވެ. އަދި ބައެއް ހަނގުރާމަތަކުގައިވެސް ބައިވެރިވެފައިވާ މީހެކެވެ. އަދި މިމީހާއަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނު މީހެއްކަމަށްވެސް އެނގިފައިވެއެވެ. އެހެންމަވެސް އެ ފަހަރު ކުށްސާބިތުނުވެގެން ދޫކޮށްލި ހިސާބުން ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަކަމަށް ބެލެވޭ މި މީހާ ޕާކިސްތާނާއި އެހެން ބައެއް ޤައުމުތަކުގެ ހަނގުރާމެވެރި ޖަމާއަތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެންމެ ފަހުން އޭނާ އުޅުނީ ކޮންގައުމެއްގައި ކަމެއް ސާފެއް ނުވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާ، ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީވެސް ކުށެކެވެ. އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީވެސް އެގާނޫނުގެ ދަށުން ކުށެކެވެ.

ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެއައިކަމަށް ބެލެވޭ މިމީހާ ހައްޔަރުކޮށްފައިވާއިރު ހަނގުރާމާގައި ބައިވެރިވާން ސީރިޔާއަށް ދަނިކޮށް ތުރުކީ ބޯޑަރު ކައިރިން ހައްޔަރުކޮށްގެން ދާދި ފަހުން ތިން މީހަކު ރާއްޖެ ގެނެސްފައިވެއެވެ. އަދި މި 3 މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.