ޚަބަރު

ވެއްޓުނު ދެކުނު ކޮރެޔާގެ މަތިންދާބޯޓުގެ ކަޅު ފޮށިތަކުގައި މަޢުލޫމާތެއް ނެތް


މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ވެއްޓުނު ދެކުނު ކޮރެޔާގެ މަތިންދާބޯޓު ވެއްޓުމުގެ ހަތަރު މިނެޓު ކުރިން އެ ބޯޓުގެ ދެ ކަޅު ފޮށިން މަޢުލޫމާތު ރެކޯޑު ކުރުން ހުއްޓިފައިވާ ކަމަށް އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތައިލޭންޑުގެ ވެރިރަށް ބެންކޮކުން ފުރައިގެން ދެކުނު ކޮރެޔާގެ ހުޅަނގު އުތުރުގައި އޮންނަ މުއާނަށް ދަތުރުކުރި ޖޭޖޫ އެއާގެ 7ސީ2216 މަތިންދާބޯޓުގައި 175 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިއްބެވެ. މުއާނަށް މަތިންދާބޯޓު ޖައްސަން މަސައްކަތްކުރުމުގެ ދެ މިނެޓު ކުރިން އެއަރ ޓްރެފިކް ކޮންޓްރޯލުން ވަނީ ގިނަ ޢަދަދެއްގެ ދޫނި އެ ސަރަޙައްދުގައި އުޅޭކަމަށް ޕައިލެޓަށް އަންގާފައެވެ. އޭގެ ހަތަރު މިނެޓެއްހާއިރު ފަހުން ޕައިލެޓު ވަނީ މަތިންދާބޯޓުގައި ދޫނިތަކެއް ޖެހި ކުއްލި ޙާލަތެއް މެދިވެރިވެފައިވާކަން އަންގައި އެހީއަށް އެދިފައެވެ. އަދި މަތިންދާބޯޓުގެ ލޭންޑިންގ ގިއަރ ބޭނުން ނުކޮށް ކުއްލި ޙާލަތުގައި މުއާނަށް މަތިންދާބޯޓު ޖެއްސުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ގޮތަށް މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި އެ އުޅަނދު ވަނީ ރަންވޭއިން ކަހާލައި ރަންވޭ ކައިރީގައި ހަދާފައި ހުރި ބޮޑު ކޮންކުރީޓު ފާރެއްގައި ޖެހި ގޮވާފައެވެ. އެ ހާދިޘާގައި ދެ ފަޅުވެރިން ފިޔަވައި އެހެން އެންމެން ވަނީ މަރުވެފައެވެ.

މިއީ ދެކުނު ކޮރެޔާގެ ތާރީޚުގައި ވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ވައިގެ ޙާދިޘާއެވެ. އަދި ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ އެއަރލައިނަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޙާދިޘާއެވެ.


ހާދިޘާ މެދުވެރިވުމުން ރަސްމީ އިދާރާތަކުން ވަނީ މަތިންދާބޯޓުގެ ކަޅުފޮށިތައް ހޯދައި ޕައިލެޓުން ތިބޭ ކޮކްޕިޓުގެ އޯޑިއޯ ރެކޯޑިންގ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މަތިންދާބޯޓަށް ދިމާވީ ކޮން މައްސަލައެއްްތޯ ދެނެގަތުމަށް އެންމެ މުހިންމު ވަޞީލަތްތަކަކީ މިއީ ކަމަށް އެ ހާދިޘާ ތަހުޤީޤު ކުރާ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖަނަވަރީ މަހުގެ 11ވަނަ ދުވަހު ދެކުނު ކޮރެޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މަތިންދާބޯޓެ ދެ ކަޅު ފޮށި ވެސް ހާދިޘާ ހިނގުމުގެ ހަތަރު ވަރަކަށް މިނެޓު ކުރިން ރެކޯޑު ކުރުން ހުއްޓިފައިވާ ކަމަށެވެ. ކަޅު ފޮށްޓަކީ ޕައިލެޓުންގެ މުޢާމަލާތްތައް ރެކޯޑުކޮށް މަތިންދާބޯޓުގެ ނިޒާމުތައް ދަތުރުގެ ތެރޭގައި މަސައްކަތް ކުރާ ގޮތުގެ މަޢުލޫމާތު އެއްކުރާ އާލާތެކެވެ. މަތިންދާބޯޓުގެ ކަޅުފޮށިތައް މަސައްކަތް ކުރުން ހުއްޓުނު ސަބަބު ދެނެގަތުމަށް ތަހުޤީޤުތައް ކުރިއަށްދާ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ޔަޤީން ކޮށްދެއެވެ.

ކަޅު ފޮށިތަކުގެ އިތުރުން ކޮކްޕިޓުގައި ހުންނަ ވޮއިސް ރެކޯޑަރު ވެސް ވަނީ މަސައްކަތް ކުރުން ހުއްޓިފައެވެ. ދެކުނު ކޮރެޔާއިން ވޮއިސް ރެކޯޑަރުގައި ހުރި މަޢުލޫމާތު ނެގުމަށް މަސައްކަތް ކުރިއިރު އޭގައި ވެސް އެއްވެސް މަޢުލޫމާތެއް ނެތެވެ. އެހެން ދިމާވުމުން އެ ރެކޯޑަރު ވަނީ އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓު ސޭފްޓީ ބޯޑުގެ ލެބަކަށް އިތުރަށް ތަހުޤީޤު ކުރުމަށް ފޮނުވައިފައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާގައި އެކްސިޑެންޓު ތަހުޤީޤުކުރުމުގެ މަސައްކަތުގައި ކުރިން އުޅުނު ތަޖުރިބާކާރެއް ކަމަށްވާ ސިމް ޖައިޑޮންގ ވިދާޅުވީ މަތިންދާބޯޓު ވެއްޓުމުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކަންތައްތައް ހިންގައި ދިޔަ ގޮތް ރެކޯޑު ކުރެވިފައި ނެތުމަކީ ވަރަށް ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ. އެ ގޮތަށް ކަންތައް ދިމާވުމުން މަތިންދާބޯޓު ވެއްޓުމުގެ ހަތަރު މިނެޓެއްހާއިރު ކުރިން ބެކަޕް ކަރަންޓު ހިމެނޭހެން މަތިންދާބޯޓުގެ ކަރަންޓު ކެނޑިފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާވާނެ ޙާލަތެެެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ކަޅު ފޮށިތަކަށާއި ވޮއިސް ރެކޯޑަރަށް މި ގޮތަށް ކަންތައްތައް ދިމާވި ނަމަވެސް ލިބެން ހުރި އެހެން މަޢުލޫމާތު ބޭނުން ކޮށްގެން ތަހުޤީޤު ކުރިއަށް ގެންދާނެ ކަމަށެވެ. ތަހުޤީޤު ކުރިއަށް ގެންދާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށާއި މަޢުލޫމާތު ލިބެމުންދާ ވަރަކަށް މަރުވި މީހުންގެ ޢާއިލާއަށް އެ މަޢުލޫމާތުތައް ޙިއްޞާ ކުރަމުން ދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

ހާދިޘާ ތަހުޤީޤު ކުރާ އިދާރާތަކުން ދަނީ ރަންވޭ ކައިރި ސަރަޙައްދެއްގައި ހަދާފައި ހުރި ކޮންކްރީޓު ފާރާ ގުޅޭގޮތުން ވެސް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އެހާ ވަރުގަދަ ފާރެއް ރަންވޭއާ އެހާ ކައިރި ސަރަޙައްދެއްގައި ހަދާފައި ހުރި ސަބަބު އިދާރާތަކުން ދަނީ ސާފު ކުރަމުންނެވެ.

ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ އެ ހާދިޘާގެ ތަހުޤީޤުގައި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އިސްކޮށް ހަރަކާތްތެރިވާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ފަދަ ހާދިޘާއެއް ތަހުޤީޤު ކުރަން ވާނީ މިނިވަން ތަހުޤީޤީ ތަޖުރިބާކާރުން ކަމަށް ގިނަ ޢާއިލާތަކުން ޤަބޫލު ކުރެއެވެ.