ޚަބަރު

އެކްރިންޓަން ބަލިކޮށް ލިވަޕޫލް ހަތަރުވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގައި އެކްރިންޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ލިވަޕޫލް އިން ހޯދައިފި އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ޑިއެގޯ ޖޮޓާ ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.

އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އެކްރިންޓަން އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޖޯޝް ވުޑްސް ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިޥާއިރު ޑޮނަލްޑް ލަވް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުމުރުން 16 އަހަރުގެ ރިއޯ އެންގުމޯހާގެ ބަދަލުގައި ކުޅެން އެރި ޖޭޑަން ޑެންސް އެވެ.

އެންގުމޯހާ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވާއިރު އޭނާ ވެފައިވަނީ ލިވަޕޫލްގެ ދިގު ތާރީޚުގައި އެ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ރޭގެ މެޗު ފެށިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 135 ދުވަހެވެ.

ލިވަޕޫލް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި އިޓަލީގެ ފޯވަޑް ފެޑެރީކޯ ކިއޭސާ އެވެ.