ޚަބަރު

ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މިމަހުގެ 22 ވަނަ ދުވަހު ގެންނެވި ބަދަލާއެކު، ވަޒީރުކަމަށް އައްޔަންކުރެއްވި 5 ބޭފުޅަކަށް ރުހުން ހޯއްދެވުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ. 

ވަޒީރުންނަށް ރުހުން ދެއްވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުއްވާފައިވަނީ، މިމައްސަލަ މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި 5 ނަންފުޅަކީ ހޯމް މިނިސްޓަރ އަހުމަދު ޒުހޫރު، ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް، ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު، ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާއެވެ. 

5 ވަޒީރުންގެ ނަންފުޅު މަޖިލީހަށް ރުހުން ހޯއްދެވުމަށް ފޮނުއްވިޔަސް، ނައިބު ރައީސްކަމަށް އައްޔަންކުރެއްވި އަބްދުﷲ ޖިހާދަށް ރުުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ.