ސައޫދީ އަރަބިއާގައި މިރޭ ސްޕެނިޝް ސުޕަކަޕް ނިމިގެންދާނެ އެވެ. ހަތަރު ޓީމު ވާދަކުރާ މުބާރާތް އެ ގައުމުގައި ބާއްވަނީ ސައޫދީ ފެޑަރޭޝަނުން ސްޕޮންސާކޮށްގެންނެވެ. މިހެންވެ މުބާރާތުގެ ފައިސާ ބަހަނީ ގޮތްގޮތަކަށްތޯ ބަލާލުމަކީ ނެތްކަމެއްނޫނެވެ.
މުޅި މުބާރާތަށް ސައޫދީ އަރަބިއާއިން ކަނޑައަޅާފައިވަނީ 40 މިލިއަން ޔޫރޯ އެވެ. މީގެ ތެރެއިން 20 މިލިއަން ޔޫރޯ ދޭނީ ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނެވެ. ޓީމުތަކަށް ބަހާނީ އަނެއް 20 މިލިއަން ޔޫރޯ އެވެ.
މުބާރާތް ކުޅޭތީވެ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުރެ ކޮންމެ ބަޔަކަށް 5.5 މިލިއަން ޔޫރޯ ލިބޭނެ އެވެ. ރެއާލް މަޔޯކާ އާއި އެތްލެޓިކް ބިލްބާއޯ ކުރެ ކޮންމެ ޓީމަކަށް ވެސް ލިބޭނީ 1.5 މިލިއަން ޔޫރޯ އެވެ. މިއީ ޓީވީ ރައިޓްސް އާއި ޓީމުތަކުގެ ފެންވަރާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހަރަކާތްތަކަށް ވެސް ބެލުމަށްފަހު ކަނޑައަޅާ އަދަދެކެވެ.
ނިސްބަތުން ކުޑަ އާމްދަނީ އެއް ލިބޭތީވެ މަޔޯކާވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. އެ ޓީމު މިވަގުތު އޮތީ ވެސް މާލީ ގޮތުން އަޑިގަނޑެއްގަ އެވެ. މިހެންވެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްކުރެ ކޮންމެ ބަޔަކު ވެސް ވަނީ އެ މީހުންނަށް މި މުބާރާތުން ލިބޭ ފައިސާގެ ތެރެއިން 2 ލައްކަ ޔޫރޯ މަޔޯކާ އަށް ހަދިޔާކުރަން ނިންމައިފަ އެވެ.
މުބާރާތުގެ ފައިނަލަށް ދާ ކޮންމެ ޓީމަކަށް އިތުރު އެއް މިލިއަން ޔޫރޯ ލިބޭނެ އެވެ. ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 2 މިލިއަން ޔޫރޯ އެވެ. މިހެންވެ ތަށި ހޯދާ ޓީމުން އެނބުރި ގައުމަށްދާނީ މަދުވެގެން އަށް މިލިއަން ޔޫރޯ ހިފައިގެންނެވެ.