ކުޅިވަރު

ކީޕަރުގެ މައްސަލައިގައި ދެ ކޯޗުންގެ ޚިޔާލުވެސް އެއްގޮތް


ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ އެއްވަނަ ކީޕަރު ގަޑިޖެހިގެން ޕްރެކްޓިހަށް އައުމުން ފުރަތަމަ އެގާރައަށް ނޭރުވުމުން އެކަން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ ދިފާއުކޮށްފި އެވެ.

ސްޕެނިޝް ސުޕަކަޕް ފައިނަލުގައި މިރޭ ދަންވަރު މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ނޫސްވެރިން އެންޗެލޮޓީ ގާތުގައި އެދުނީ ފްލިކްގެ ނިންމުމާމެދު ހިޔާލެއް ދިނުމަށެވެ.

"
ޝެޑިއުލަކީ ކޮންމެ ކަމެއްގައި ވެސް ވަރަށް މުހިންމު ކަމެއް. އަހަރެންނަށް ހީވަނީ އެކަމުގެ ސަބަބުން ކުޅުންތެރިން އިތުރަށް ޑިސިޕްލިންވާނެހެން. ގްރޫޕެއްގެ ގޮތުގައި އުޅޭއިރު އެއްވެސް މީހަކު ބޭނުމެއްނުވާނެ ގަޑި ޖެހޭކަށް ވެސް. ދެން އޮތީ ކުޅުންތެރިޔާ ގަޑިއަށް ނައުން. ދެން އޭނާ އެކަމާމެދު ދޭ ޖަވާބު. އެ ޖަވާބު ގަބޫލު ކުރެވޭވަރުގެ ސަބަބަކަށްވާނަމަ އެއީ މައްސަލައެއްނޫން. އެކަމަކު ސަބަބު ގަބޫލުނުކުރެވޭނަމަ އެކަމަށް އަދަބެއް ދޭންވާނެ،
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ

އެންޗެލޯޓީ މިފަދައިން ވާހަކަ ދެއްކިއިރު އޭނާ އާއި ފްލިކް އަކީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ދެ ކޯޗުންނެވެ. މިއާއެކު އެކަކު އަނެކަކު ބައްދަލުވާ ކޮންމެ ފަހަރު ވެސް އިހްތިރާމް ވަރަށް ބޮޑަށް އޮވެ އެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެއްވަނަ ކީޕަރު އިނާކީ ޕެންޔާ ސެމީ ފައިނަލް މެޗުގައި ބެންޗުގައި ބޭންދީ ގަޑިޖެހިގެން ޕްރެކްޓިހަށް އައުމުންނެވެ. އެ މެޗުގައި އެއްވަނަ ކީޕަރުކަން ކުރީ ޕޮލެންޑްގެ ތަޖުރިބާކާރު ކީޕަރު ޝެޒްނީ އެވެ. ފައިނަލް މެޗުގައި ވެސް ގޯލަށް ނުކުތުން ގާތީ އޭނާ އެވެ. ނަމަވެސް ޕްލިކް މިކަމާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.

"
ޝެޒްނީ މި ދިޔަ ދެ މެޗުގައި ވަރަށް މޮޅަށް ކުޅެފި. އޭނާ އަކީ ވަރަށް ތަޖުރިބާކާރު ކީޕަރެއް. ދެން ޕެންޔާ މި ސީޒަނުގައި ތަފާތު މޮޅަށް ކުޅެފި. އެހެންވީމާ އަހަރެން ގޮތެއް ނިންމާނީ އެންމެ ފަހުން،
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

މި މެޗަށް ނުކުންނައިރު ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އަށް ފައިނަލުގައި ކުޅެވޭތީވެ އެކަމާ ބެހޭ ގޮތުން ބާސެލޯނާގެ ކޯޗާ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. ކޯޗު ފްލިކް ބުނީ ސަސްޕެންޝަން ކުޑަކޮށް، ސުޕަކަޕްގައި ވިނީޝިއަސް ކުޅެވޭގޮތް ހެދުމަކީ މައްސަލައެއްނޫން ކަމަށެވެ.

"
އަހަރެންނަށް ހީވަނީ ދުނިޔެ ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިން މި މެޗުގައި ފެންނަންހެން. ވިނީޝިއަސް މި މެޗުގައި ފެނުނަކީ ގިނަ ބަޔަކު އެދޭ ގޮތެއް. އެހެންވީމާ އެކަމުގައި ކޮބާ މައްސަލައަކީ؟ އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް،
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

މެޗާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އެންޗެލޯޓީ ބުނީ ސައޫދީ އަރަބިއާ އަށް އައި ފަހުން ރެއާލްގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އޮންނަނީ މިނިވަންކަން ދީފައި ކަމަށެވެ. ސަބަބަކީ ކުޅުންތެރިން ފުޓްބޯޅައިގެ އެކި ކަންކަމުގައި ވަރަށް ގިނަ ވަގުތު ޓީމާއެކު ހޭދަކުރާތީ ކަމަށެވެ. ގައުމުން ބޭރުގެ މެޗުތަކަށް ދިއުމަށްފަހު ކުޅުންތެރިން ކޮޓަރީގައި ގޭމްކުޅެ، އެންމެން އެއްވެގެން މަޖާކޮށް ކައިބޮއި އުޅުނު ނަމަވެސް އެންޗެލޯޓީ ބުނީ ކުޅުންތެރިން ކޮޓަރިއަށް ވަަނުމަށްފަހު ކުރާ އެއްވެސް ކަމެއް ނޭނގޭ ކަމަށާއި ނުވެސް ބަލަން ކަމަށެވެ.