ދުނިޔެ

ތުރުކީގެ މައި އެއަރޕޯޓަށް ދިން ޙަމަލާގައި 36 މީހުން މަރާލާފައިވޭ


ތުރުކީވިލާތުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއަރޕޯޓް ކަމަށްވާ އިސްތަންބޫލްގެ އަތާތުރްކު އެއަރޕޯޓަށް ބޮމުގެ ވަރުގަދަ ޙަމަލާތަކެއްދީ 36 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލައިފިއެވެ. ތުރުކީވިލާތުގެ ފުލުހުން ބުނީ، މިއީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެންތިބި 3 މީހުން އަމިއްލައަށް މަރުވެގެން ދިން ޙަމަލާތަކެއް ކަމަށެވެ.

އިސްތަންބޫލްގެ އަތާތުރްކު އެއަރޕޯޓަކީ ވިލާތުގެ ބައްރަށް ބަލާއިރުވެސް 3 ވަނައަށް އެންމެ ކާރޫބާރޫބޮޑު އެއަރޕޯޓެވެ. މިއެއަރޕޯޓަށް އަމާޒުކޮށްގެން 3 މީހަކު އަމިއްލައަށް މަރުވެގެން ދިން މި ޙަމަލާތަކުގައި 36 މީހުން މަރުވެފައިވާއިރު 147 މީހުން ޒަޚަމްވެފައިވާ ކަމަށް ތުރުކީވިލާތުގެ އަމަނާބެހޭ ދާއިރާތަކުން ބުނެއެވެ. މިހަމަލާތަކާ ގުޅިގެން އަތާތުރުކު އެއަރޕޯޓްވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ފްލައިޓްތަކުގެ ޙަރަކާތްތައްވެސް މުޅިން ހުއްޓުމަކަށް ގެނަސްފައިވެއެވެ. މީގެއިތުރުން އެ އެއަރޕޯޓްގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ތުރުކީވިލާތުގެ ފުލުހުންވަނީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

އަމިއްލައަށް މަރުވެގެން މިޙަމަލާތައް ދިން 3 މީހުންގެ ތެރެއިން އެކަކު އޭނާގެ ހަށިގަނޑު ގޮއްވާލުމުގެ ކުރިން ކްލަޝިންކޯފް ބަޑިއަކުންވެސް ހަމަލާތަކެއް ދިން ކަމަށް ތުރުކީވިލާތުގެ މަސްއޫލުވެރިއަކާ ހަވާލާދީ އެޤައުމުގެ އެން ޓީވީ ބުނެފައިވެއެވެ. އިސްތަންބޫލްގެ ގަވަރުނަރު ވާސިބް ޝާހީން ވިދާޅުވީ މިޓެރަރިސްޓް ޙަމަލާތަކުގައި ގިނައިން މަރުވެފައިވަނީ ފަސިންޖަރުންނާއި އެއަރޕޯޓްގެ މުވައްޒަފުންނާ އަދި ފުލުހުން ކަމަށެވެ. މި ޙަމަލާތަކާއި ގުޅިގެން މުޅި ތުރުކީވިލާތަށް ކުއްލި ޝޮކެއް ލިބިފައިވާއިރު ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ޤައުމުގެ އަމަނާބެހޭ ކަންކަމާ މަޝްވަރާ ކުރެއްވުމަށް އެޤައުމުގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް އާއި ސިފައިންގެ ޗީފް އޮފް ސްޓާފް އާ ބައްދަލުކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްތަންބޫލްގެ އަތާތުރުކް އެއަރޕޯޓަށް ދިން 3 ޙަމަލާގެ ތެރެއިން ދެ ޙަމަލާ ދިނީ އެއަރޕޯޓްގެ މައި ޓާމިނަލަށް ވަންނަ ދޮރުގެ ކުރިމަތީގައެވެ. އަދި ޙަމަލާތައް ދިން 3 މީހުންގެ ތެރެއިން އެކަކު ބަޑިން ޙަމަލާދީ ޓާމިނަލްއަށް ވަނުމަށް މަސައްކަތްކުރި ކަމަށާ ނަމަވެސް އެއަށްފަހު ޓާމިނަލްގެ ޗެކްޕޮއިންޓްގައި އޭނާގެ ހަށިގަނޑު ގޮއްވާލައި އަމިއްލައަށް މަރުވެގެން ޙަމަލާދިނީ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ތުރުކީވިލާތުގެ މީޑިޔާ ބުނާގޮތުން އަތާތުރްކު އެއަރޕޯޓަށް ޙަމަލާދިނުމުގައި ހަރަކާތްތެރިވި ހަތިޔާރުއެޅި މީހުންގެ ތެރެއިން 4 މީހުންވަނީ ފިލާފައެވެ.

މިފަހަކަށް އައިސް ތުރުކީވިލާތުގެ އެކި ސަރަޙައްދުތަކަށް ދޭ މިބާވަތުގެ ބޮމުގެ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އަމިއްލައަށް މަރުވެގެން ތުރުކީވިލާތަށް ދީފައިވާ މިބާވަތުގެ ޙަމަލާތަކުގެ ޒިންމާ އުފުލަމުން ގެންގޮސްފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނާއި ތުރުކީވިލާތުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭ ޖަމާއަތުންނެވެ. ނަމަވެސް އިސްތަންބޫލްގެ އަތާތުރްކު އެއަރޕޯޓަށް އަންގާރަ ދުވަހުގެ ރޭ ދިން މިޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. ނަމަވެސް ތުރުކީވިލާތުގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވަނީ މިއީ އައިއެސް ޖަމާއަތުގެ ޙަމަލާތަކެއް ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ. މިދިޔަ މާޗްމަހު ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގެ އެއަރޕޯޓަށާއި އެސިޓީގެ މެޓްރޯ ރޭލްވޭއަށް އަމާޒުކޮށްވެސް ބަޔަކު އަމިއްލައަށް މަރުވެގެން މިބާވަތުގެ ޓެރަރިސްޓް ޙަމަލާތަކެއް ދީ 32 މީހުން މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. އެ ޙަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.