ދުނިޔެ

ބަންކީމޫން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއާ ބައްދަލުކުރުން


އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫން ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ރައީސް މަޙްމޫދު އައްބާސްއާ ބައްދަލުކުރައްވައިފިއެވެ.

ރާމަﷲ އަށް ވަޑައިގެންނެވުމުގެ ކުރިން ބަންކީމޫން ވަނީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާއަށްވެސް ޒިޔާރަތް ކުރައްވާފައެވެ. ޣައްޒާގައި ވާހަކަ ދައްކަވަމުން ބަންކީމޫން ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކަކީ ޤަބޫލުކުރެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށެވެ. އަދި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ މި ފިޔަވަޅުތަކަކީ ޣައްޒާގެ ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް އަޅާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު ފިޔަވަޅުތަކެއް ކަމަށްވެސް ބަންކީމޫން ސިފަކުރެއްވިއެވެ.

ޣައްޒާއިން ރާމަﷲ އަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ބަންކީމޫން ވަނީ އިސްރާއީލުގެ އިސްތިޢްމާރުން މިނިވަންވުމާއި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އުފެއްދުމުގެ ހައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ބަންކީމޫން ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި އޭނާވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދ. ގެ ޖަމްއިއްޔާގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.