ޚަބަރު

އަލިގަދަ ތަރީގެ ގަދަ 5 ކަނޑައަޅައިފި


ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ގަދަ 5 ބައިވެރިން ކަނޑައަޅައިފިއެވެ. މުބާރާތުގެ ގަދަ 5 ކަށަވަރު ކުރުމަށް ރޭ ބޭއްވި ޕްރޮގްރާމްގައިވެސް ބައިވެރިންގެ ތަފާތު ހުނަރުތަކެއް ފެނިގެންދިޔައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމުގެ ގަދަ ފަހެއް ކަށަވަރު ކުރި ބައިވެރިންނަކީ އިބްރާހީމް މުޙައްމަދު، ޢަބްދުﷲ މުފީދު، އިބްރާހީމް އިމާޒު، އާދަމް ނަޞީމް އަދި ޢަބްދުﷲ ޠާލިބުއެވެ. ރޭގެ ޕްރޮގްރާމްގައި ކޮންމެ ބައިވެރިއެއްވެސް އަނެއް ބައިވެރިއެއްގެ ކިޔެވުމުގައި ހެދޭ ކުށްތައް ފާހަގަކުރުމުގެބަޔަކާއި، އަދި އެއްބައިވެރިއަކު އަނެއް ބައިވެރިއަކަށް ސުވާލު ހުށައެޅުމުގެ ބައެއް ކުރިއަށްދިޔައެވެ. ރޭގެ ޕްރޮގްރާމުން މި މުބާރާތާ އަލްވަދާޢު ކިޔަން ޖެހުނު ބައިވެރިއަކީ އަޙްމަދު ނާއިދުއެވެ. 

މި ސިލްސިލާގެ އަންނަ ހުކުރުދުވަހުގެރޭގެ ޕްރޮގްރާމްގައިވެސް ބައިވެރިންގެ ތަފާތު މަސައްކަތްތަކެއް ފެނިގެންދާނެއެވެ. އަދި ހުކުރު ދުވަހުގެ ރޭ އޮންނަ ޕްރޮގްރާމްގައި ގަދަ ތިންބައިވެރިންވެސް ކަނޑައެޅިގެންދާނެއެވެ. އެންމެ އަލިގަދަ ތަރި ހޮވުމަށް ބާއްވާ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެރެއެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާއިމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާއިމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެރެއެވެ. މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ގެނެސްދޭ 4 ވަނަ އަހަރެވެ.