ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެކި ޤައުމުތަކުގެ އަޖުމަ ބަލައިލުމަކީ އަމިއްލަ ދިރިއުޅުމަށް ގެންނަންޖެހޭ ބައެއްް ބަދަލުތައް އިޙްސާސް ކުރެވި އެ ބަދަލުތައް ގެނައުމަށް ލިބޭ ހިތްވަރަކަށް ވެއެވެ. އެކި ޤައުމުތަކުން އެކި ތަޖުރިބާތައް ލިބޭއިރު އެކި ޤައުމުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް ވަރަށް ތަފާތެވެ. އެ މީހުންގެ ދިރިއުޅުން ފަސޭހަ ކުރަން ގެންގުޅޭ ބައެއްް ސިޔާސަތުތަކާއި ކުރާ ކަންކަމަކީ ވިސްނާ ފިކުރު ކުރާ މީހަކަށް ގިނަ ފިލާވަޅުތަކެއް ލިބޭނެ ކަންތައްތަކެވެ. އެ ގޮތުން މުއްސަނދި ސަޤާފަތެއް އޮތް އަދި ޒަމާނީ ވައްޓަފާޅިއެއް ވެސް އޮންނަ އެސްޓޯނިޔާއަކީ އެ ޤައުމަކަށް ޒިޔާރަތް ކޮށްލައި ފިލާވަޅުތައް ލިބިގަތުމަށް ވަރަށް އެކަށީގެންވާ ޤައުމެކެވެ.
ވިލާތުގެ އުތުރުގައި އޮންނަ ބެލްޓިކް ކަނޑުގައި އޮންނަ އެސްޓޯނިޔާއަކީ ކުޑަ ނަމަވެސް މީހުން ގަޔާވާ ފަދަ ޖާދުލެއް ހުންނަ ޤައުމެކެވެ. މުއްސަނދި ތާރީޚެއް އޮންނަ އެސްޓޯނިޔާއަކީ އެހާމެ ރީތި އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނީ ޤައުމެކެވެ. އެސްޓޯނިޔާއަކީ ނިޞްބަތުން ކުޑަ ޤައުމެއް ނަމަވެސް އެ ޤަައުމުން ލިބެން ހުރި ތަޖުރިބާތައް ތަފާތުވެފައި ގިނައެވެ.
1.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެސްޓޯނިޔާގެ ތާރީޚަށް ބަލައިލާއިރު އެ ޤައުމުގެ ސަޤާފަތާއި ތަރިކަ މުއްސަނދިވާ މައިގަނޑު ސަބަބަކީ ބެލްޓިކް ކަނޑުގައި އެ ޤައުމު އޮންނަ ސަރަޙައްދެވެ. އެސްޓޯނިޔާ އޮންނަ އިސްތިރާޖީ ސަރަޙައްދުގެ ސަބަބުން އެ ޤައުމަކީ ވިޔަފާރިއާއި ސަޤާފަތާއި އަސްކަރީ ބާރުވެރިކަމަށް މުހިންމު ސަރަޙައްދެކެވެ. އެތައް ޤަރުނެއް ވަންދެން އެސްޓޯނިޔާގެ ބަންދަރުތަކަކީ ވިލާތާއި ރަޝިޔާއާއި އިރުމަތީ ސަރަޙައްދުތަކާ ގުޅުވައިދިން މައި މަރުކަޒަކަށެވެ. ފާއިތުވި ޤަރުނުތަކުގައި ޑެންމާކުންނާއި ސްވީޑަނުންނާއި ޖަރުމަނުވިލާތުންނާއި ރަޝިޔާއިން ވެސް ވަނީ އެ ޤައުމުގައި ވެރިކަން ކޮށްފައެވެ. ކޮންމެ ޤައުމަކުން ވެސް ވަނީ އެސްޓޯނިޔާގެ އާކިޓެކްޗަރއާއި ސަޤާފަތަށް އެކި ގޮތްގޮތުން ފޯރުކޮށްދީފައެވެ. އެހެންކަމުން އެ ޤައުމަކީ ތަރިކައިގެ ގޮތުން ނުހަނު މުއްސަނދި ޤައުމެކެވެ.
މިއަދު އެސްޓޯނިޔާއަކީ މިޑީވަލް ޒަމާނުގެ ރީތި ބިނާތަކާއި ކާސުލްތައް ހުންނަ އެތައް އަވަށެއް އޮންނަ ޖާދުވީ ޤައުމެކެވެ. އެ ޤައުމުގެ ބައެއް އަވަށްތަކަށް ޒިޔާރަތް ކޮށްލުމުން މިޑީވަލް ޒަމާނުގެ ތެރެއަށް ދަތުރު ކޮށްލެވޭ ފަދައެވެ. މީސްމީޑިޔާއަށް ދޫކޮށްލާނޭ ރީތި ފޮޓޯތައް ނަގާލެވޭނެ ސްޕޮޓުތައް ވަރަށް ގިނައެވެ.
ކުރީ ޒަމާނުގެ ގޮތްގަނޑު އެސްޓޯނިޔާގެ އަވަށްތަކުން ކިތަންމެ ބޮޑަށް ފެނުނުކަމުގައިވީ ނަމަވެސް ހައިރާންވާން ޖެހޭ އެއް ކަމަކީ އެ ޤައުމަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާަފައިވާ އެއް ޤައުމަށް ވުމެވެ. އެ ޤައުމަކީ ހަމައެކަނި ތާރީޚީ ޝައުޤުވެރިކަމާއި ގުދުރަކީ ރީތިކަން ލިބިފައިވާ ޤައުމެއް ނޫނެވެ. އެ ޤައުމަކީ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާއިން ދުނިޔޭގެ ލީޑަރެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް މުތުތަމަޢުގެ ގޮތުގައި މަޝްހޫރުކަން ހޯދަމުންދާ އެސްޓޯނިޔާއިން ވަނީ އެއްވެސް ދަތިކަމެއް ނެތި އާންމު ދިރިރުޅުމުގެ ބަޔަކަށް ޓެކްނޮލޮޖީ ހަދައި, އޭގެ ފުރިހަމަ ބޭނުން ހިފަން ފަށައިފައެވެ.
އެސްޓޯނިޔާގައި އާންމު ދިރިއުޅުމުގައި ޓެކްނޮލޮޖީ ބޭނުން ކުރާ ބައެއް ގޮތްތަކަށް އަލި އަޅުވައިލާނަމެވެ. އެ ޤައުމުގައި އީ-ރެސިޑެންސީ ޕްރޮގްރާމެއް އޮންނައިރު އެ ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ ކޮންމެ ޤައުމެއްގެ މީހަކަށް ވެސް އެސްޓޯނިޔާގެ ޑިޖިޓަލް ރެސިޑެންޓަކަށް ވުމުގެ ފުރުޞަތު ލިބިގެން ދެއެވެ. 2014ވަނަ އަހަރު ތަޢާރަފު ކުރި މި ޕްރޮގުރާމުގެ ދަށުން އެ ޤައުމުގެ ކުރިއަރާފައިވާ އީ-ގަވަނަންސް ޕްލެޓްފޯމަށް ވަދެ އޭގެ ބޭނުން ހިފޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން އީ-ރެސިޑެންޓުންނަށް އެސްޓޯނިޔާގައި އޮންލައިންކޮށް ވިޔަފާރިތައް ޤާއިމުކޮށް ބަލަހައްޓައި ޑިޖިޓަލް ބޭންކިންއަށް ފުރުޞަތު ލިބި ޑިޖިޓަލް ސޮއި ބޭނުންކޮށްގެން ލިޔެކިޔުންތަކުގައި ސޮއިކޮށް ޓެކްސް ދެއްކޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރުމަށް އެސްޓޯނިޔާއަށް ދާކަށް ނުޖެހެއެވެ. އެހެންކަމުން މި ޕްރޮގްރާމަކީ އޮންޓްރަޕްރެނަރުންނާއި ދަތުރުކުރަމުން ނުވަތަ ކެފޭތަކުގައި ތިބެގެން ފޯނާއި ލެޕްޓޮޕް ބޭނުންކޮށްގެން މުޅި ވިޔަފާރި ހިންގާލާ ޑިޖިޓަލް ނޯމަޑުން ވަރަށް ގަޔާވާ ޕްރޮގްރާމެކެވެ. މި ޚިދުމަތް ދީގެން އެސްޓޯނިޔާއިން ވަނީ ޑިޖިޓަލް ޤައުމެއް އުފައްދައި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް، އިޤްތިޞާދީ ދާއިރާ ފުޅާކޮށްފައެވެ. އީ-ރެސިޑެންސީ ޕްރޮގްރާމަކީ އެސްޓޯނިއާ އިން އިނޮވޭޝަނަށް ކުރާ މަސައްކަތާއި ބޯޑަރެއް ނެތި ޓެކްނޮލޮޖީ ކުރިއަރުވަން ކުރާ މަސައްކަތާއި ތަސައްވުރަށް ހެކިދޭ ކަމެކެވެ.
އެސްޓޯނިޔާއިން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ އެހެން ދާއިރާތަކުގެ ތެރޭގައި އޮންލައިންކޮށް ވޯޓުލުމުގެ ނިޒާމާއި ޞިއްޙީ ފަރުވާދޭ ނިޒާމު ހިމެނެއެވެ. އޭގެ ސަބަބުން ޢާންމުންގެ ދިރިއުޅުމަށް ގިނަ ފަސޭހަތައް ލިބިގެން ދެއެވެ. އެސްޓޯނިޔާގެ ސަރުކާރުގެ ފަންނުވެރިކަމުގެ ރޫހުން ފެނިގެންދަނީ ސަރުކާރުން ދޭ ހުރިހާ ޚިދުމަތެއް ހެން އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައި އޮތް ތަނެވެ.
ބައެއް ޤައުމުތަކަށް ދަތުރުކުރާއިރު އިންޓަނެޓު ލިބުމުގެ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް އެސްޓޯނިއާގެ ބޯ ޖަންގައްޔަކަށް ހައިކަކަށް ދިޔަ ކަމުގައިވި ނަމަވެސް އިންޓަނެޓު ނުލިބިދާނެތީ ހާސްވާކަށް ނުޖެހެއެވެ. ދުނިޔޭގެ އެންމެ ކުރި އަރާފައިވާ އިންޓަނެޓު ޚިދުމަތް ހަލުވިކަމާއެކު އެސްޓޯނިޔާއިން ލިބެއެވެ. އަދި އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ވެސް ހިލޭ ވައިފައި ލިބެން ހުރެއެވެ.
އެސްޓޯނިޔާގައި ހުންނަ ފަތުރުވެރިން ގަޔާވާފަދަ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޓަލިންސް އޯލްޑް ޓައުނެވެ. ޔުނެސްކޯ ވޯލްޑު ހެރިޓޭޖު ސައިޓެއް ކަމަށް ކަނޑައަލަފައިވާ އެ އަވަށަކީ މިޑީވަލް ޒަމާނުގެ ތާރީޚު ދައްކުވައިދޭ ތަނެކެވެ. އޭގެ އިތުރުން ލަހެމާ ނޭޝަނަލް ޕާކާއި ސޫމާ ނޭޝަނަލް ޕާކަކީ ވެސް ހައިކު ކުރުމަށް ގަޔާވާ މީހުންނާއި ގުުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުން ޒިޔާރަތް ކޮށްލަން އެއްވަނައިގެ ތަންތަނެވެ. އެ ޤައުމުގެ ސާރެމާ އަދި މުހޫ ޖަޒީރާ ރަށްތަކަކީ އެސްޓޯނިޔާ މީހުންގެ ސަގާފަތް ދައްކުވައިދޭ ރީތި ރަށްތަކެކެވެ. ދިވެހިން ވަރަށް ގަޔާވާ ނޮދަން ލައިޓްސް ވެސް އެސްޓޯނިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި ތަޖުރިބާ ކޮށްލުމުގެ ފުުރުޞަތު ވެސް އޮވެއެވެ.
މި ހުރިހާ ސަބަބުތަކަކާ ހުރެ އެސްޓޯނިޔާއަކީ ޙަޔާތުގައި އެއް ފަހަރު ނަމަވެސް ޒިޔާރަތް ކޮށްލައި ތަޖުރިބާ ކޮށްލަން ރަނގަޅު ޤައުމެކެވެ. އެ ޤައުމުން ދައްކުވައިދޭ ލާމަސީލު މިސާލު ތަކަކީ ދިވެހިން ދިރިއުޅުމުގައި ވެސް ބޭނުން ހިފިދާނެ ފިލާވަޅުތަކެއް ކަން ޔަޤީނެވެ.