ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރއަކާ ގުޅިގެން ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ފޭބުމަށް މާލޭ ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށް ބެލެވޭކަމަށާއި އެހެންކަމުން ޓްރެފިކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަރައިފޭބުމަށް މާލޭ 1 އަދި 2 ނަންބަރު ޖެޓީ ބޭނުންކުރާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
⚠️ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާތީ، އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވެއެވެ.
— Maldives Police (@PoliceMv) January 9, 2025
1/2
ފުލުހުން ވަނީ 1 ނަންބަރު ޖެޓީ ސަރަހައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން ޓްރެފިކް ބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރެއްވުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
ފަހަކަށް އައިސް ބޭރުގެ ބޮޑެތި ކްރޫޒް ޝިޕްތައް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ހައި ސީޒަން ފެށުނު ފަހުން މިހާރު ރާއްޖެއަށް 3 ކްރޫޒް ޝިޕް މިހާތަނަށް އައިސްފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ)އިން ވަނީ ހާމަކުރައްވާފައެވެ. މި ޝިޕުތަކުން 3000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.