ޚަބަރު

ޖަމްޢިއްޔާތަކުގެ ނަމުގައި ފައިދާ ހޯދާ މައްސަލައަށް ސަމާލުވާންޖެހޭ


ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ ނަމުގައި، މާލީ ފައިދާތަކެއް ހޯދުމަށް، ގޮތް ނޭގޭ ފަރާތަކުން މަސައްކަތްކުރަމުން ގެންދާތީ، އެކަން ކުށްވެރިކޮށް، މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެޖަމްޢިއްޔާތަކުން ގޮވާލައިފިއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމާއި ބޭނުންވާ އެހެނިހެން ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، އެޖަމްޢިއްޔާގެ ނަން ބޭނުންކޮށްގެން، މާލީ ފައިދާތަކެއް ހޯދުމަށް މިހާތަނަށް ފަސްފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި އެސޯސިއޭޝަނުގެ ނަމުގައި ފައިސާހޯދުމަށް މަސައްކަތް ކުރުމާއި، ތަކެތި ވިއްކުމާއި ފަންޑްފޮށި ބަހައްޓައިގެން ފައިސާ އެއްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

fb:https://www.facebook.com/140424029366318/photos/a.307001589375227.69077.140424029366318/1084950471580331/?type=3&theater

ގޮތް ނޭގޭ ފަރާތްތަކުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން އެއެސޯސިއޭޝަނުން ޚިދްމަތް ލިބިގަންނަ ފަރާތްތަކާއި އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި އެޖަމްޢިއްޔާގެ އިތުބާރު ނަގާލުމަކީ ވަރަށް ކަންބޮޑުވާ އަދި އެކަން ކުށްވެރިކުރާކަމެއް ކަމަށް އެޖަމްއިއްޔާގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އެސޯސިއޭޝަނުގެ ހިންގުން ބަރޯސާވެފައި އޮންނަނީ ކުދިން އަތުން ނެގޭ ފީއާއި، ޑިވެލޮޕްމެންޓް ޕާޓްނަރުންނާއި، ދީލަތި ފަރާތްތަކުގެ އެހީގެ މަށްޗަށް ކަމަށެވެ. އަދި އެތަނަކީ ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އޮޑިޓްކުރާ ތަނަކަށްވެފައި އެހީފޯރުކޮށްދިނުމުގެ ކަންކަން ހަމަޖައްސާފައި އޮންނަނީ ވަކި ޚާއްޞަ ނިޒާމެއްގެ ދަށުންކަމަށެވެ. އެހެންކަމުން އެހީއަކަށް އެދިއްޖެނަމަ ޔަޤީން ނުކޮށް އެއްވެސް އެހީއެއް ނުދިނުމަށް އެއެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.

tw:https://twitter.com/TinyHeartsMV/status/743105566352908288

އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާއެކު، ހިތުގެ ބަލިތަކާމެދު ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަދަނީ ޖަމްއިއްޔާއެއްކަމަށްވާ "ޓައިނީ ހާޓް އޮފް މޯލްޑިވްސް" އިން ބުނީ، އެޖަމްޢިއްޔާގެ ނަމުގައި ދޮގު މަޢްލޫމާތުދީގެން ފައިސާގެއެހީ ހޯދުމަށް މިދުވަސްވަރު ވައިބަރ މެދުވެރިކޮށް 9189238 މި ނަމްބަރުން ޢާއްމު ނަމްބަރުތަކަށް މެސެޖް ކުރަމުންދާކަމަށެވެ. އަދި 7683579 މިނަމްބަރު ޢާއްމުންނަށް ގުޅައި މޯބައިލަށް ރިލޯޑްކުރުމަށް އެދެމުންދާކަމުގެ ޝަކުވާވެސް އެޖަމްޢިއްޔާއަށް ލިބިފައިވާކަމަށެވެ.

މުޖުތަމަޢުގެ އެހީއަށް ބޭނުންވެފައިވާ ކުދިންތަކެއްގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމަށް ބަޔަކުމީހުން މިބީދައިން މަސައްކަތް ކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ޓައިނީ ހާޓްސްއިން ބުނެއެވެ. އެޖަމްޢިއްޔާއިން ބުނީ އެޖަމްޢިއްޔާގެ ނަމުގައި އެހީއެއް ހޯދުމަށް ބަޔަކު މަސައްކަތްކޮށްފިނަމަ އެއީ އެޖަމްޢިއްޔާތޯ ކަށަވަރުކޮށްފައި ނޫނީ އެއްވެސް ބާވަތެއްގެ އެހީއެއް ނުދިނުމަށް އެދޭކަމަށެވެ. އަދި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖަކަށް، ނުވަތަ އެޖަމްޢިއްޔާގެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ، އެއޮންނަ އުޞޫލެއްގެ މަތިން ކުރިޔަށް ގެންދިއުމަށް އެޖަމްޢިއްޔާއިން އިލްތިމާސްކުރެއެވެ.

އޯޓިޒަމް އެސޯސިއޭޝަނާއި، ޓައިނީ ހާރޓްސްއިން ބުނީ، މިފަދަ ޢަމަލުތައް ހިންގާ މީހުންގެ ޢަމަލުތައް ފާހަގަކޮށް، ކަމާ ގުޅުން ހުރި އިދާރާތަކަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާތީ އެކަމާ ކަންބޮޑުވާކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް، އާއްމުންނާއި މުޖުތަމަޢުގެ އެހީތެރިކަން އެޖަމްއިއްޔާތަކަށް ބޭނުންވާކަމަށެވެ.