ޚަބަރު

ޕާކިސްތާނުން ރާއްޖެއަށް 100 ޑޮކްޓަރުން ފޮނުވަނީ


ޕާކިސްތާނުގެ އާއްމު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ތެރެއިން 100 ޑޮކްޓަރުން އެއްއަހަރުގެ މުއްދަތަކަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ހާމަކުރައްވައިފިއެވެ.

ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސައްޔިދް ޚަވާރް އަލީ ޝާހް ވިދާޅުވީ، ރާއްޖެ ގެންނަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ފައްޓަވާފައިވާކަމަށެވެ. މިގޮތުން ރާއްޖެ ގެންނަ ޑޮކްޓަރުންނަކީ މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކުރައްވާފައިވާ ޑޮކްޓަރުންކަމަށްވެސް އެނާ ވިދާޅުވިއެވެ. އެހެންނަމަވެސް  ޑޮކްޓަރުން ރާއްޖެ އަންނަން ފަށާނެ ތާރީޚެއް އެނާ ވިދާޅެއްނުވެއެވެ.

ސަފީރު ވިދާޅުވީ، މިއަންނަ މަހު ޕާކިސްތާނުގެ ބޮޑު ވަޒީރު، ނަވާޒް ޝަރީފް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި މިކަމާއި ބެހޭ މުހިންމު މަޝްވަރާތަކެއް ކުރައްވާ ގޮތްތަކެއް ނިންމަވާނޭކަމަށެވެ.

ޕާކިސްތާނުން 100 ޑޮކްޓަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ ދާދި ފަހުން ރައީސުލްލްޖުމްހޫރިޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ތަރައްޤީކުރެއްވުމަށް އެއްބާރުލުން ހޯއްދެވުމުގެ ގޮތުން، ދެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.