އިންޑިޔާގެ ޗަތިސްގަރު ސްޓޭޓުގައި ބޮމެއް ގޮއްވައިލުމުގެ ސަބަބުން އަށް ފުލުހުންނާއި ޢާންމުންގެ މީހަކު މަރުވެެއްޖެއެވެ.
އިންޑިިޔާގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ޗަތިސްގަރުގައި ބޮމެއް ގޮއްވާލާފައި ވަނީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ މައޮއިސްޓުންނެވެ. މައޮއިސްޓުންނަކީ އިންޑިޔާގެ ފަޤީރު ދަނޑުވެރިންނާއި ލޭބަރުންނަށް އެ މީހުންގެ ބިމުގެ މައްޗަށް ފުރިހަމަ ބާރު ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތެކެވެ. އެ މީހުންގެ ޖަމާޢަތް ހިންގަނީ ޗައިނާގެ ކުރީގެ ލީޑަރެއް ކަމަށްވާ މާއޯ ޒެދޮންގެ ފިކުރުގެ މައްޗަށް ބިނާކޮށެވެ. ޗަތިސްގަރާއި އެ ސްޓޭޓް ކައިރީގައި އޮންނަ އެހެން ސްޓޭޓުތަކަކީ މައޮއިސްޓުން ދޭތެރެދޭތެރެެއިން ދެމުންދާ ޙަމަލާތަކުގެ އަމާޒަކަށް ވެފައިވާ ސަރަޙައްދުތަކެކެވެ.
އިންޑިއާގެ ފުލުހުން ބުނީ ޗަތިސްގަރުގެ ބިޖަޕޫރު ޑިސްޓުރިކްޓުގައި ދުއްވަމުން ދިޔަ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާއެއް ދީފައިވާ ކަމަށެވެ. އެ ޙަމަލާގައި އުޅަނދު ދުއްވަން އިން ޑްރައިވަރާއި އޭގައި ތިބި ފުލުހުން ވަނީ މަރުވެފައެވެ.
ފާއިތުވި މަސްތަކުގައި ސަލާމަތީ ބާރުތަކާއި މައޮއިސްޓުންނާ ދެމެދު ހަތިޔާރު ބޭނުން ކޮށްގެން ގިނަ ޙަމަލާތަކެއް ބަދަލު ކޮށްފައި ވެއެވެ. އެ ޙަމަލާތަކުގައި މައޮއިސްޓުންގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.