ޚަބަރު

ރަޝްފޯޑް ހޯދުމުގެ ރޭހަށް އޭސީ މިލާން ވަދެއްޖެ


އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު މައްސަލަ ޖެހި އޭނާ ވިއްކާލަން އުޅޭ ކަމަށް އަޑުއަރާފައިވަނިކޮށް، އިޓަލީގެ އޭސީ މިލާނުން ރަޝްފޯޑް ހޯދުމުގެ ރޭހަށް ވަދެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭސީ މިލާނުން މަސައްކަތް ކުރަމުންދަނީ ލޯނެއްގެ ދަށުން ރަޝްފޯޑް މި ޖެނުއަރީ މަހު އެ ކްލަބަށް ގެންދިއުމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރަޝްފޯޑް އަށް ހަފްތާއަކު ހަތަރު ލައްކަ ފަންސާސް ހަތް ހާސް އެމެރިކާ ޑޮލަރު މުސާރައިގެ ގޮތުގައި ލިބެއެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭސީ މިލާނުން ވަނީ އޭނާގެ މުސާރައިގެ ބޮޑުބައި މެންޗެސްޓަރ ޔުނައިޓެޑް އިން ދިނުމަށްވެސް އެދިފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޕޯޗުގަލްގެ ރުބެން އަރޮރިމްގެ އިރުޝާދުގެ ދަށުން ރަޝްފޯޑް އަށް ކުޅެން ފުރުސަތު ލިބިފައެއް ނުވެއެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އޭނާއަށް ބެންޗުންވެސް ޖާގަ ލިބުނީ އެންމެ މެޗެއްގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑާއިމެދު ހިތްހަމަ ނުޖެހިފައިހުރި ރަޝްފޯޑް ވަނީ ދާދި ފަހުން އޭނާ އައު ޗެލެންޖަކަށް ބަލަމުންދާކަމަށް ބުނެފަ އެވެ.