އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނޮޓިންހަމް ފޮރެސްޓުން އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
މި މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 20 މެޗުން40 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު 6 ޕޮއިންޓަށް ކުޑަވެފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އާއިވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ.
ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި މޯގަން ގިބްސް-ވައިޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ.
މި މެޗުގައި ނޮޓިންހަމް ފޮރެސްޓް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓައިވޯ އަވޮނީޔީ އެވެ.