ޚަބަރު

ބްރިކްސްގެ މެންބަރުކަން އިންޑޮނޭޝިޔާއަށް


ބްރިކްސްގެ މެންބަރު ޤައުމެއްގެ ގޮތުގައި އިންޑޮނޭޝިޔާއިން އެ ޖަމުޢިއްޔާއާ ގުޅިއްޖެއެވެ.

ބްެރިކްސަކީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އެއްބާރުލުން ދިނުމަށް 2009ވަނަ އަހަރު ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ބައެއް އިޤްތިޞާދުތަކުން އުފައްދާފައިވާ ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާ ފުރަތަމަ އުފެދުނުއިރު މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނެނީ ބްރެޒިލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ. ބްރިކްސަކީ އެ ޖަމްޢިއްޔާގައި އޭރު ބައިވެރިވި ފަސް ޤައުމުގެ އިނގިރޭސި ނަމުގެ ފެށޭ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. އޭގެ ފަހުން މިޞްރާއި އިތިއޯޕިޔާއާއި އީރާނާއި އެކުވެރި ޢަރަބި ޢިމާރާތް, ޔޫއޭއީން ވެސް ވަނީ އެ ޖަމްޢިއްޔާއާ ގުޅިފައެވެ.

2025ވަނަ އަހަރު ބްރިކްސްގެ ރިޔާސަތު ބަލަހައްޓަމުންދާ ބްރެޒިލުން ބުނީ ބްރިކްސްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި އިންޑޮނޭޝިޔާއިން އެ ޖަމްޢިއްޔާއާ މިހާރު ގުޅިފައިވާ ކަމަށެވެ. ބްރެޒިލުން ބުނީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ޤައުމު ކަމުގައިވާ އިންޑޮނޭޝިޔާ އެ ޖަމްޢިއްޔާއާ ގުޅުމަށް މެންބަރު ޤައުމުތަކުގެ އިއްތިފާޤުން ނިންމީ ދެކުނު އެފްރިކާގެ ޖޮހަނަސްބާގުގައި 2023ވަނަ އަހަރު ނިންމި ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. 2023ވަނަ އަހަރު ބޭއްވި ބްރިކްސްގެ ބައްދަލުވުމުގައި އެ ޖަމްޢިއްޔާ އިތުރަށް ފުޅާ ކުރުމަށް ޤައުމުތަކުން ވަނީ ފާސް ކޮށްފައެވެ.

2023ވަނަ އަހަރުގެ ތެރޭގައި ބްރިކްސާ ގުޅުމުގެ ފެހި ސިގްނަލް އިންޑޮނޭޝިޔާއަށް ލިބުނު ނަމަވެސް އެ ޤައުމުން ވަނީ މިދިޔަ އަހަރު ބޭއްވި އެ ޤައުމުގެ ރިޔަސީ އިންތިޚާބު ނިމެންދެން ރަސްމީކޮށް ބްރިކްސްގެ މެންބަރެއްގެ ގޮތުގައި ގުޅުން މަޑުޖައްސައި ދިނުމަށް އެދިފައެވެ. އެ ޤައުމުގެ ރިޔާސީ އިންތިޚާބު ނިމި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އައު ރައީސް ޕްރަބޮވޯ ސުބިއަންތޯ ވެރިކަމާ ޙަވާލުވެވަޑައިގަތުމުން އިންޑޮނޭޝިޔާއިން މިހާރު މި ވަނީ ރަސްމީކޮށް ބްރިކްސާ ގުޅިފައެެވެ.

ބްރެޒިލްގެ ސަރުކާރުން ބުނީ އިންޑޮނޭޝިޔާއަކީ ބްރިކްސްގެ މެންބަރު އެހެން ޤައުމުތަކެކޭ އެއްގޮތަށް އޭޝިޔާއާއި ލެޓިން އެމެރިކާއާއި އެފްރިކާ ބައްރުގެ ކުރިއަރަމުން އަންނަ ޤައުމުތައް ހިމެނޭހެން ގްލޯބަލް ސައުތުގެ މަސްލަޙަތު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރާ ޤައުމެއް ކަމަށެވެ. އަދި ބައިނަލްޢަޤްވާމީ ޖަމްޢިއްޔާތަކަށް އިޞްލާހު ގެނައުމަށް ގޮވައިލާ ޤައުމެއް ކަމަށެވެ.