ޚަބަރު

ޙާލުގައި ޖެހުނު މީހުންނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ


ރާއްޖޭގެ ރަށްރަށުގައި މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ބައެއް ޙާދިޘާތަކާއި ކާރިޘާތަކުގައި ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދެއްވުމަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައިފިއެވެ. 

މިއީ، ރަށްރަށުގައި ހިނގި އަލިފާނުގެ ޙާދިޘާތަކުގައި ލިބުނު ގެއްލުމަށް ވެދެއްވި އެހީއާއި ގެއްލުން ލިބުނު މީހުންނަށް ވަގުތީގޮތުން ހަމަޖައްސަވައިދެއްވި ޟަރޫރީ ކަންކަމަށާއި، ވާރޭވެހުން މަދު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދެއްވުމަށް ވެދެއްވި އެހީއަށް ކުރެވިފައިވާ ހޭދައެވެ. މި ފައިސާގެ ތެރޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ފަރާތްކަށް ސަރުކާރުން ދެއްވާ ފައިސާގެ އެހީއެއް ނުހިމެނެއެވެ.

ރާއްޖޭގެ ރަށްރަށް އެކިހިސާބަށް ބެހިފައިވާ ގޮތުންނާއި އެނޫންވެސް ސަބަބުތަކާހުރެ ޢާންމުކޮށް ތިން ވައްތަރެއްގެ ޙާދިސާތަކާއި ކާރިސާތައް ދަނީ ކުރިމަތިވަމުންނެވެ. އެއީ އުދައެރުވުމުގެ ސަބަބުން ނުވަތަ ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމާއި، އިރުވައި މޫސުމުގައި ބޯފެނަށް ޖެހުމާއި، އަލިފާނުގެ ޙާދިސާތަކާއި ކާރިސާތައް ހިނގުމެވެ. 

img:http://s3.psmnews.mv/images/660x400/14636526966803.jpg|އެމްއެންޑީއެފުން، ފޮނަދޫގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ- ފޮޓޯ: އެމްއެންޑީއެފް

އިރުވައި މޫސުމުގައި ފެނަށް ޖެހިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަހަރު މިހާތަނަށް 88 ރަށަކަށް ބޯފެން ފޯރުކޮށްދެއްވާފައިވެއެވެ. އަލިފާނުގެ ބޮޑެތި ދެތިން ކާރިސާ ހިނގާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. އެސެންޓަރު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރުގެ ނާއިބު ފާޠިމަތު ތަސްނީމް ވިދާޅުވީ، ކުރިން ފެންބޮޑުނުވާ ރަށްރަށުގައިވެސް މިހާރު ޢާންމުކޮށް ފެންބޮޑުވާކަން އެސެންޓަރަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޢާންމުގޮތެއްގައި ރަށްރަށުގައި ފެންބޮޑުވަނީ، މިހާރު ވާރޭވެހޭ ޕެޓާންއަށް އައިސްފައިވާ ބަދަލުތަކުންކަމަށާއި، އެސެންޓަރުން ބެއްލެވި ބެއްލުވުމުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އެއްތަންކޮޅަކަށް އެތައް ގަޑިއިރެއްވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވާކަން ފާހަގަކުރެވިފައިވަކަމަށެވެ.  

ތަސްނީމް ވިދާޅުވީ، ރަށް ބޮޑުކުރުމުގެ ގޮތުން ހިންގާ ބިން ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން، އެހިއްކި ސަރަޙައްދެއް އުސްވެފައި މީހުން ދިރިއުޅޭ ސަރަޙައްދު ތިރިވެފައިވުމުންވެސް މިފަދަ ފެންބޮޑުވުމުގެ ކާރިސާތައް ހިނގާކަން ފާހަގަކުރެވިފައިވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14609822721171.jpg|އަލިފާން ރޯވެފައިވާ އިމާރާތެއް / ފޮޓޯ: ޕީއެސްއެމް

އަލިފާނުގެ ކާރިސާތައް ޢާންމުގޮތެއްގައި ހިނގާކަން ފާހަގަކުރެވިފައިވަނީ، ވިޔަފާރި މުދާ ބަހައްޓާފައި ހުންނަ ގުދަންތަކުގައާއި، ބިދޭސީން ތިބޭ ތަންތަނުގައިކަމަށް ތަސްނީމް ވިދާޅުވިއެވެ. އަލިފާނުގެ މިފަދަ ކާރިސާތަކުގެ ސަބަބުން ފެންބޮޑުވުމުގެ ކާރިސާތަކާ ޚިލާފަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށާއި، މިކަމުގެ ސަބަބުން ކައިރި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީން ތިބޭ ތަންނަނާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ޙާދިސާތައް ގިނަ ފަހަރަށް ހިނގަނީ ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑަށް ދަށްވެގެންކަމަށް ޑިފެންސް މިނިސްޓަރުގެ ނާއިބު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަހަރުގެ މިހާތަނަށް 88 ރަށަކަށް ފެން ފޯރުކޮށްދެއްވާފައިވާއިރު، ބޯފެން ފޯރުކޮށްދެއްވުމަށް މިހާތަނަށް 10.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ.