އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
މި މެޗުން ސިޓީ މޮޅުވެފައިވާއިރު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް ދެ މެޗު މަދުން ކުޅެފައިވާއިރު ދެ ޓީމުގެ ދެމެދުގައި 11 ޕޮއިންޓުގެ ފަރަގެއް އެބަހުއްޓެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 10 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ކޫފަލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި ސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދަމުންދާ މެންޗެސްޓަރ ސިޓީން ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސިޓީގެ އާލިން ހާލަންޑު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ހާލާންޑު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގު މެޗެއްގައި ހާލާންޑު ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން ވަނީ މެޗުގެ 58 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. މި ލަނޑު ޖަހަން އޭނާއަށް މަގު ތަނަވަސްކޮށްދިން ސިޓީގެ ކެޕްޓަން ކެވިން ޑެބްރޫނިއާ މިއީ އެ ކްލަބަށް ކުޅުނު 400 ވަނަ މެޗެވެ.
މި މެޗުގައި ވެސްޓްހޭމް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ފުލްކްރުގް އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައިވީ ނަމަވެސް އެ ޓީމުގެ އަސްލު ފޯމަށް އަދި ޓީމު އެޅިފައިނުވާ ކަމަށާއި އަދިވެސް ހައްލު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަދި މި މެޗު ބެލި ކޮންމެ މީހަކަށްވެސް މިއީ ސިޓީގެ އަސްލު ފެންވަރު ނޫންކަން އެނގޭނެ ކަމަށާއި ނަމަވެސް މި މެޗުން މޮޅުވުމާއެކު އެފް އޭ ކަޕްގައި މި މަހުގެ 11 ވަނަ ދުވަހު ކުޅެން ޖެހޭ މެޗާއި ހަމައަށް ތަންކޮޅެއް ހަމަޖެހިގެން ނިދާލެވޭނެ ކަމަށް ގަޑިއޯލާ ވަނީ ބުނެފަ އެވެ.