އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އަތުން 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު, އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ޓޮޓްނަމްގެ ދަނޑުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މި މެޗުން ނިއުކާސަލް މޮޅުވެފައިވާއިރު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 35 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ޓޮޓްނަމް އަށް 24 ޕޮއިންޓާއެކު 12 ވަނަ ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.
މި މެޗުގެ ހަތަރުވަނަ މިނިޓުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން ނިއުކާސަލްގެ ނިއުކާސަލްގެ އެންތޮނީ ގޯޑޮން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެލެކްޒެންޑަރ އިސާކް އެވެ. މި މެޗުގައި އިސާކް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހި ނިއުކާސަލްގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ އެލަން ޝިއަރާ އާއި ޖޯ ވިލޮކް އެވެ.
ތާވަލުގެ ދެވަނައިގައި އޮތް އާސެނަލް ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮލަށް ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގައިދީފައިވަނީ 17 އަހަރުގެ އީތަން ންވަނޭރީ އެވެ.
އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ބްރައިޓަން ޖެހި ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޮއާއޯ ޕެޑްރޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.