ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ބާބަސްޓްރޯއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކޮޕަ ޑެލް ރޭގެ ގަދަ 16 ގެ ޖާގައެއް ބާސެލޯނާއިން ހޯދައިފިއެވެ.
ސްޕެއިން ލީގުގެ ކުޅުން އައު އަހަރަށް މެދު ކަނޑާލުމުގެ ކުރިން އެ ޓީމު ކުޅުނު މެޗުތަކުން ބަލިވެފައިވާތީ މި މެޗަށް ކޯޗު ހެންސީ ފްލިކް ވަނީ ވަރުގަދަ ޓީމެއް ނެރެފަ އެވެ.
މި މުބާރާތް 31 ފަހަރު މަތިން ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އިން ވަނީ މި މެޗުގެ 21 ވަނަ މިނިޓުގައި ބާބަސްޓްރޯގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެރިކް ގާސިއާ އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބާސެލޯނާއިން މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިތުރު ދެ ލަނޑު ޖަހަން މަގު ތަނަވަސްކޮށްދިން ޕަބްލޯ ޓޯރޭ އެވެ.
ކޮޕާ ޑެލް ރޭގެ ތާރީޚުގައި އެންމެ ކާމިޔާބު ކުލަބަކީ ބާސެލޯނާ ކަމުގައިވީ ނަމަވެސް 21-2020 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ޓީމަށް މި މުބާރާތް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.