ރަށްރަށުގައި ބޭރު ތޮށި ނެތުމާއި ނަރުދަމާގެ ކަންކަމުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޕީއެސްއެމްނިއުސްއިން ގެނެސްދިން ލައިވްކަވަރޭޖްއަށް ދެއްވި ބަސްތީޤަތުމުގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް އިއްޔެ ކުޑަވަގުތުކޮޅެއްގެތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވިކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މާލޭގައި ހުރި ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ.
މާލޭގެ އިތުރަށް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ބޭރު ތޮށި ހަލާކުވެފައި ހުރި ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަނީ ދުރަށް ވިސްނާނުލާ ކަންކަން ކުރުމުގެ ސަބަބުންކަމަށެވެ. އަދި މިއީ ދެތިން ދުވަހުން ހައްލުވާނެ މައްސަލަތަކެއް ނޫންކަމަށާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކުގައިވެސް ދުރު މުސްތަޤުބަލަށް ވިސްނުމަށްފަހު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ވާރޭވެހުމުން ރަށްރަށުގައި ނަރުދަމާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވޭ. މިކަންވާ ގޮތަކީ ރަށްރަށުގައި ނަރުދަމާގެ މަސައްކަތްތައް ފަރުދީގޮތުންނާއި ސަރުކާރުގެ ތެރެއިން މިކަން ކުރެވޭއިރުވެސް ދުރު މުސްތަޤުބަލަކަށް ވިސްނާލުމެއްނެތި ކުރެވިފައި ހުރުމުން" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ގަޑިތަކުގައިވެސް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމަށް ތައްޔާރަށް ތިބިކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.