ޚަބަރު

އަޑުން ގެނެސްދޭ އެންމެ ދުވަސްވީ އެއް ޕްރޮގްރާމަކީ ސީރަތު


ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އެންމެ ދުވަސްވީ އެއް ޕްރޮގްރާމަކީ ސީރަތެވެ. މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އަޑުގެ ނަން އަޅުގަނޑުމެންނަށް އިވުމުގެ މާކުރިންވެސް ބްރޯޑްކާސްޓް ކުރަމުން ދިޔަ ޕްރޮގްރާމެކެވެ.

މާލޭ ރޭޑިޔޯގެ ނަމުގައި ފުރަތަމަ ފެށިގެން އައި ދިވެހިރާއްޖޭގެ އަޑުން ސީރަތު އެންމެ ފުރަތަމަ ދުރަށް ފޮނުވަން ފެށީ ލައިވްކޮށެވެ. ނުވަތަ ސްޓޫޑިއޯގައި އިނދެ މީހަކު ސިޔަރަތު ކިޔަމުންދާއިރު ރޭޑިއޯއިން ވަގުތުން އަޑުއިވޭގޮތަށެވެ. ސައިކުރާ އިބްރާހީމް ނަޢީމާއި ޢައްބާސް އިބްރާހީމް އިސްކޮށް މަސައްކަތްކުރެއްވިއިރު ރޭޑިއޯގެ ކަންތައްތައް ކުރިއަށް ގެންދަވަނީ ސީދާ، ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުންނެވެ. ސަބަބަކީ އެއީ އޭރުގެ ސިނަމާ ކުންފުނީގެވެސް ވެރިޔާއަށް ވާތީއެވެ. img:http://s2.psmnews.mv/images/660x400/14670488132333.jpg|ކީރިތި ރަސޫލާގެ ސީރަތު - ފޮޓޯ: ޕީއެސްއެމް ނިއުސް

ސީރަތު ރޭޑިޔޯއިން ފޮނުވުމުގެ ޚިޔާލަކީ ރޯދަމަހަށް ޚާއްޞަ ޕްރޮގްރާމްތައް ގެނައުމާ ގުޅޭގޮތުން ވިސްނެވުމުގެ ތެރެއިން ކަމަށް ދައުލަތުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައިވާ ނިޝާން ޢިއްޒުންދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވިއެވެ.

''އަޅުގަނޑު ނާޞިރުގެ އަރިހުގައި ދެންނެވިން މި ރޯދަމަހު ސީރަތު ކިޔަންތޯއޭ.. އަޅުގަނޑު ކިޔާފާނަމޭ.. އެއީ ކުޑައިރުއްސުރެވެސް ކިޔާ އެއްޗަކަށްވާތީ.. ދެން ވިދާޅުވީ ތިމަންނާއަށްވެސް ވާނެއޭ ކޮންމެވެސް އެއްޗެއް ކިޔާދެން. ދެން ކޯއްޗެއްތޯ އެހީމަ ވިދާޅުވީ ރާއްޖޭގަ މިހާތަނަށް ހެދިފައިހުރި ޤާނޫނުތައް ކޮންމެ ދުވަހެއްގެ ބައިގަޑިއިރު ކިޔާދޭށޭ، މީހުންނަށް އޮޅުން ދިލުވާދޭން ވެގެން.. ދެން އިބްރާހިމް ނަޢީމު ޤާނޫނުތައް ކިޔާދެއްވަނީ ސީރަތު ކިޔަނީ އަޅުގަނޑު.'' ޢައްބާސް އިބްރާހީމް ވިދާޅުވިއެވެ.

މިހާރު އެހެން މީޑިއާއަކަށް އޭނާގެ އަޑުފުޅުން ސީރަތު އެއްކޮށް ރެކޯޑްކުރައްވާފައިވާ ޢައްބާސް އިބްރާހީމް ވިދާޅުވީ 1966 އާއި 1967 ގައި ސީރަތު ކިޔަމުން ދިޔައީ، ސްޓޫޑިޔޯތެރޭގައި ތިބެގެން، ކުރިމަތީގައި ފޮތް ބާއްވައިގެން ކަމަށެވެ. މިގޮތުން ލައިވްކޮށް ކޮންމެ ދުވަހަކު އެއްގަޑިއިރަށް ގެނެސްދެމުން ގޮސް، މުޅި ސީރަތު ނިންމާލީ އެއްމަސްދުވަހުގެ ތެރޭގައި ކަމަށެވެ. img:http://s2.psmnews.mv/images/660x400/14670488336163.jpg|ކީރިތި ރަސޫލާގެ ސީރަތު - ފޮޓޯ: ޕީއެސްއެމް ނިއުސް

ސީރަތު ކިޔަން ފެށިތާ ތިންވަނައަށް ވީ އަހަރު ސެނެކޯ ރޭޑީޔޯގެ ނަމަށް ރޭޑީޔޯގެ ނަން ބަދަލުވިއެވެ. އެހާހިސާބުން ސީރަތުގެ އަޑު އިވެންފެށީ ރެކޯޑް ކޮށްގެންނެވެ. އެއީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބަދުރުއްނަޞީރުގެ ބައްޕާފުޅު ޢަލީ ނަސީރުގެ އަޑުންނެވެ. ސީރަތު ތަރުޖަމާކުރެއްވިއިރު އެ ލިޔުމުގައި ހުރިހާ ކަމެއް ކުރެއްވީ ޢަލީ ނަޞީރެވެ.

ޢަލީ ނަޞީރަކީ ސީރަތު ރެކޯޑްކުރުމަށް ގެނައި 4 ބޭފުޅުން ހިމެނޭ ގްރޫޕްގައި ހިމެނޭ ބޭފުޅެއް، އޭރު އެބޭފުޅުން ސީރަތު ކިޔަމުން ދިޔައީ އެއްގަޑިއިރަށް ކޮންމެ ބޭފުޅަކަށް 15 މިނިޓަށް ބަހާލައިގެން ކަމަށް ބަދުރުއްނަޞީރު ވިދާޅުވިއެވެ.

އެކި ބޭފުޅުން ސީރަތު ވިދާޅުވުމުގެ ވައްޓަފާޅިއާއި، ރާގަށް ބަލާއިރު، އަލީ ނަޞީރު ސީރަތު ވިދާޅުވަނީ ހަނގުރާމައިގެ މައިދާނުގައި ހުންނަވައިގެން ހެން ހީވާކަމަށް އިހުގެ މީހުން ބުނެއެވެ. އެއް ރޯދަމަސް އެއްކޮށް ޢަލީ ނަޞީރު ސީރަތަށް އަޑުއެޅުއްވިއެވެ.

މިދުވަސްވަރު ސީރަތުގެ ތެރެއަށް އެ ޙާދިސާއަކާ ގުޅޭގޮތުން މަދަހަވެސް ހިމެނިއެވެ. ނަމަވެސް އެކަން ޢާންމުން ބަލައިނުގަތުމާ ގުޅިގެން އެ މަދަހަތައް އުނިކުރެއްވީކަމަށް ބަދުރު ވިދާޅުވިއެވެ. މި ބައިތައް ރެކޯޑްކުރަމުން ދިޔައީ އިހުގެ ޓޭޕަކަށްވާތީ، ފަހުން އަނެއްކާވެސް ސީރަތު ރެކޯޑްކުރެއްވުމަށް ނިންމަވާ އެގޮތުން ހާޖަރާގޭ މުޙައްމަދު ތައުފީޤު ލައްވާ ސީރަތު ކިއުއްވަން ފެއްޓެވީކަމަށް ބަދަރު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14670488501087.jpg|ކީރިތި ރަސޫލާގެ ސީރަތު - ފޮޓޯ: ޕީއެސްއެމް ނިއުސް

އޭރު މީޑިއާގައި އޮތީ ހަމައެކަނި ރޭޑިއޯ ކަމަށްވާތީ މި ޕްރޮގްރާމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަކަމަށް ބަދުރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އަޑުން މިހާރު ގެނެސްދެމުން މިއަންނަ ގޮތަށް ސީރަތު ރެކޯރޑްކުރެއްވުމުގައި ދިވެހިރާއްޖޭގެ އަޑު ގިނަ ދުވަސްތަކެއްވަންދެން ހިންގެވި އަދި މުހިންމު މަޤާމުތަކެއް ފުރުއްވައި، ޤައުމީ ރޭޑިއޯއަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކުވެސް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އޭރު ސީރަތު ގެންނަނީ މެންދުރު އެއްގަޑި ތިރީހުގެ ޚަބަރަށްފަހު ދޭއް ޖަހާއިރުއެވެ. ކުރީގެ ހިންދީ ލަސް ލަވައެއްގެ މިޔުޒިކް ތީމަކަށް ލައިގެން ކުރިއަށް ގެންދިޔަ ސީރަތުގެ ތީމު މިހާރު ވަނީ އަމިއްލަ ރާގަކަށް، އެހެންނަމަވެސް ކުރީގެ ތީމާ ގުޅޭ ގޮތަށް ބަދަލުކޮށްފައެވެ