އޭސީ މިލާނުގެ ކޯޗުކަމާ އަލަށް ހަވާލުވި ސާޖިއޯ ކޮންސެސާއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގައި އިޓާލިއަން ސުޕަރ ކަޕްގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަރުން އަރާ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ސުޕަރ ކަޕް ނުވަ ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ޔުވެންޓަސްގެ ކެނާން ޔިލްޑީޒް ވަނީ މެޗުގެ 21 ވަނަ މިނުޓުގައި އެ ޓީމަށް ލަނޑެއް ޖަހައިދީ ކުރި ހޯދާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކޮންސެސާއޯ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޔޫނުސް މޫސާ އާއި ޓެމީ އަބްރަހަމް ވަނީ ކުޅެން އަރުވާފަ އެވެ.
އޭސީ މިލާނުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭސީ މިލާނުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ހަމަތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ 75 ވަނަ މިނިޓުގައި ޔޫނުސް މޫސާ ފޮނުވާލި ބާރު ހަމަލާ ޔުވެންޓަސްގެ ފެޑެރީކޯ ގެޓީ މަތަކުރަން މަސައްކަތް ކުރި ނަމަވެސް، އޭނާގެ އަތުން އެބޯޅަ ވަނީ ބައިކޮޅަށް ވަދެފައެވެ.
ޕޯޓޯގެ ކުރީގެ ކޯޗު ކޮންސެސާއޯގެ އިރުޝާދުގެ ދަށުން މިލާން ކުޅޭ ދެވަނަ މެޗަކީ މި މުބާރާތުގެ ފައިނަލުގައި އަންނަ ހޯމަ ދުވަހު އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ. އިންޓަރ މިލާން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެޓަލާންޓާ 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.