ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމާއި ގުޅިގެން 36 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ މާލޭގައި ފެންބޮޑުވެގެން އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާކަމަށެވެ. މީގެތެރެއިން ވެލިބަސްތާ ޖެހުމަށް އެދި 554 ރިކުއެސްޓް ލިބުނުކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދާފައިވާކަމަށާއި 36 ގޭބިސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރ.އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދައަރައިގެން އެކި ވަރުގެ ގެއްލުންތައ ލިބިފައިވެއެވެ. އަދި އިތުރު ރަށްތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.
- ފ. ނިލަންދޫ: %80 ފެންބޮޑުވެފައިވޭ
- ދ. ކުޑަހުވަދޫ: 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ދ.މީދޫ: 10 ވަރަކަށް ގެއަށް ގެއްލުންވި
- ފ.މަގޫދޫ: 9 ގެއަކަށް ގެއްލުން ލިބި 1 ގެއިން މީހުން ހުސްކުރި
- އދ. މާމިގިލި: 4 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު
-ކ. ގުރައިދޫ: 60 ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ.
-ފ.ފީއަލީ: ފެންބޮޑުވެގެން 1 ގެއަކުން މީހުން ހުސްކޮށްފައިވޭ
ކ.ހިންމަފުށި: %60 ގެތަކުގައި ފެންބޮޑުވެފައިވޭ
އެންޑީއެމްއޭއިން ވިދާޅުވީ މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާޖެހުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލް، ފުލުހުންނާއި ސިފައިން، އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނައި ސްކައިޓުން ބައިވެރިވެފައިވެއެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރާގައި 142.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.