ޚަބަރު

މޫސުން ބަދަލުވުމަށް ލަސްވުމެއް، އިރުވައި މޫސުން ފެށިފައިވަނީ މިމަހު


  • 2024 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ މިމަހު

  • ޑިސެންބަރުގައި އާންމުކޮށް އިރުވައި މޫސުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފަށާ

އާންމުކޮށް އިރުވައި މޫސުން ފެށޭ ވަރަށް ވުރެ މިއަހަރު އިރުވައި މޫސުން ފެށުން ލަސްވިކަން ފާހަގަކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އާންމުކޮށް އިރުވައި މޫސުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފަށާކަމަށެވެ. އަދި ޖަނަވަރީ މަހުގެތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާކަމަށެވެ. ނަމަވެސް މިއަހަރު އިރުވައި މޫސުން ފެށިފައިވަނީ ލަސްކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

2024 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ 2025 ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިރުވައި މޫސުން ފެށުނު ކަމަށް ބަލާނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުމުންކަމަށެވެ. އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންކަމަށެވެ.