ޚަބަރު

އެޓަލާންޓާ ބަލިކޮށް އިންޓަރ މިލާން ސުޕަ ކަޕުގެ ފައިނަލަށް


އިޓާލިއަން ސުޕަރ ކަޕުގެ ސެމީ ފައިނަލުގައި ރޭ 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ޖާގައެއް އިންޓަރ މިލާނުން ހޯދައިފިއެވެ.

ސައުދި އަރަބިއްޔާގެ ރިޔާދުގެ ކިންގް ފަހުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް އެ ޓީމުން ވަނީ ރަގަޅު ހަމަލަތަކެއް އިދިކޮޅު ޓީމުގެ ގޯލަށް ފޮނުވާލާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރު ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރީސް ވަނީ ލަނޑެއް ޖަހާ ފާއިތުވެދިޔަ ތިން އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްދިން އިންޓަރ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ ދެވަނަ ލަނޑު 61 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީވެސް ޑަމްފްރީސް އެވެ.

އިންޓަރ އިން ދެ ލަނޑު ޖަހާފައިވަނިކޮށް އެޓްލާންޓާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އިންޓަރ މިލާނުގެ ކޮޅަށް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުންނަ ޓީމެއް ކަނޑައެޅިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރާ މެޗަށްފަހުގަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންޓަރ މިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނެފައިވަނީ އިޓާލިއަން ސެރިއާގެ އެއްވަނައިގައި އޮތް އެޓްލާންޓާ އަކީ ވަރުގަދަ މޮޅު ޓީމެއް ކަމަށާއި އެފަދަ ޓީމަކާއި ދެކޮޅަށް ކުޅޭއިރު ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެނަމަ މެޗު ކާމިޔާބު ކުރެވޭނެކަން ކުރިންވެސް ގަބޫލުކުރި ކަމަށާއި އަދި އެކަން މި މެޗުގައި ޑަމްފްރީސްގެ ފަރާތުން ފެނުމުން އެކަމާ ހިތްހަމަޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަނެއްކޮޅުން އެޓްލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ވަނީ މި މެޗުގެ ރެފްރީގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މި މެޗުގައި އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ބޭނުންކޮށްފައިނުވަނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އެ ކުޅުންތެރިންނަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.