އޮސްޓްރޭލިއާގެ ޕާތުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އިނގިރޭސިން ބަލިކޮށް ޕޮލަންޑުން ހޯދައިފިއެވެ.
ޕޮލެންޑަށް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އިގާ ސްވިއަޓެކް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ސިންގަލްސް މެޗުގައި އިނގިރޭސިވިލާތުގެ ކެޓީ ބޯލްޓަރ އާއި ދެކޮޅަށް ކުޅުނު މެޗުން ވާދަވެރި ކުޅުމަކަށްފަހު އޭނާ ވަނީ ހައެއް ހަތެއް, ހައެއް އެކެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ޖުމްލަ 10 މިލިއަން ޑޮލަރުގެ އަގުހުރި މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޕޮލެންޑް އިން ހޯދާފައިވަނީ ސިންގަލްސް ދެ މެޗުވެސް ކާމިޔާބުކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ސިންގަލްސް ދެވަނަ މެޗުގައި ހާކޭޒް ވަނީ ބިލީ ހެރިސް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ.
މިއީ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޕޮލެންޑް އިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އަންނަ އާދީއްތަ ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2023 ވަނަ އަހަރުގެ ޗެމްޕިއަން އެމެރިކާ އިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.